އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިސްތިއުފާދެއްވައިފިއެވެ.

މިރޭ ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މެމްބަރު އަލީ އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ ކޮމިޓީއާ އަލުން ގުޅިވަޑައިގަންނަވާނެކަން މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގައި ދެން އަލީ އާޒިމްގެ ބަދަލުގައި އިންނަވާނީ އީވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމިޓީން އަލީ އާޒިމް ވަކިވުމާ ގުޅިގެން ނައިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އައްޔަންކޮށްފައެވެ. އޭނާ އައްޔަންކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާއެކުއެވެ.

އަލީ އާޒިމް ފޯނަށް ގުޅުމުން ޖަވާބު ދެއްވާފައިނުވާތީ، އޭނާ ކޮމިޓީން ވަކިވި ސީދާ ސަބަބެއް ސާފުވާގޮތް ވަނީ ނުވެއެވެ.

އަލީ އާޒިމް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ އިރު، ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލިބިފައެވެ.