ޒުވާން ފުރާވަރަށް އަޅައިގެން އަންނަ ދުވަސްވަރު، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިތުނަވެރި ފިކުރުތަކުން، އެ ކުދިންގެ ސިކުނޑިތައް ތަޣައްޔަރު ކުރިޔަ ނުދިނުމަށް، އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ ސިފަތަކަށް، ހާނުވައިގެން ކުދިން ބަލައި ބޮޑު ކުރަން ހާއްސަ ސަމާލު ކަމެއް ދިނުމަށް ރައީސުލް ޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ، މިއަދު ފާހަގަކުރަމުން އަންނަ ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ކުދިން މުޖުތަމައަށް ބޭނުންތެރި، އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުންވެސް މީހުންނާ ކުރާ މުއާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުންކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ހިތޯބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އިޖުތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު އަމަލުކުރަންފެށުން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާ ފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ހިމެނޭ ގޮތުން މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތޯބު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކިން ހާއްސަކޮށް އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
މިއަދުގެ ހިތޯބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހިރާއްޖޭގެ އެންމެހައި ކުޑަކުދިންނަށާއި، އެކުދިންގެ ލޯބިވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ބަލަދުވެރިންނަށާއި، އެކުދިންގެ އާއިލާތަކަށާއި، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ފޮނުވާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު