ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ތަހުގީގުކުރުމަށް ލަންޑަން މެޓްރޮޕޮލިޓަން ޕޮލިހާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ މާހިރުންވެސް ބައިވެރިވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ މި ހަމަލާ ދިން ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސެސްއެއް މިހާރު ބޭނުން ކުރެވެމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް، ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް، އޭގެ އިތުރުން ޔޫއެންއޯޑީސީގެ މާހިރުން ދަނީ ތަހުގީގުގައި ބައިވެރިވެ މަސައްކަތް ކުރަމުން. މި ހަމަލާ ދިނުމާއެކު ހަމަ އެރޭ އެމެރިކާ، އިންޑިއާ އަދި އިތުރު ގައުމުތަކުން މި ތަހުގީގުގައި އެހީތެރިކަން ދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ އަންގާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަހުގީގަށް މިހާތަނަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށާއި އެގޮތުން ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި މިކަމުގައި ސީދާ ގޮތެއްގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހުން މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް، ހެކި ހޯދުމުގެ މަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތަހުގީގަށް ލިބެމުން އަންނަ ކުރިއެރުންތައް ވަގުތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު، އެމަނިކުފާނާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި މި މައްސަލައިގެ ޝަރީއަތަށް ވަޑައިގަންނަވާނީ ޕީޖީ ހުސެއިން ޝަމީމް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.