އެމްޑީޕީގެ އެތެރޭގެ އިންތިހާބު މި ހާލަތުގައި ބާއްވަން ފެނިވަޑައިނުގަންނަވާ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
ޒޫމް މެދުވެރިކޮށް މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ މިއީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ވަގުތެއް ކަމަށާއި މިފަދަ ކޮންމެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެގެންދާނެ ވަގުތެއް ކަމަށެވެ.
"މި ދަނޑިވަޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ބަދަހިކަމަށް ވަރަށް މުހިންމު ވަގުތެއް، އެހެންކަމުން މި އިންތިހާބު މިވަގުތު ބޭއްވުމާ މެދު އަޅުގަނޑުމެން އެންމެން ވިސްނާލުން ބުއްދިވެރިކަންވެސް ދެކެން،" ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 29 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ޖުމުލަ 455 މަގާމަކަށް މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ދާއިރާތަކުގެ ރައީސުންނާއި، ނާއިބު ރައީސުންނާއި ދާއިރާތަކުގެ ސެކްރެޓަރީންނާއި ސެކްރެޓަރީގެ ނައިބުންނާއި، މީޑިއާ ސެކްރެޓަރީންނާއި، ޕްރޮވިންސްތަކުގެ ރައީސުންނާއި ނާއިބު ރައީސުންނެވެ.
އިންތިހާބުގައި ވޯޓު ލެވޭނީ މި އޭޕްރީލް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެންބަރުންގެ މައްޗަށެވެ. އެ މަޖިލީހަކީ އެމްޑީޕީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ.
އެންމެ ފަހުން އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު