ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަށް ހަމްދަރުދީވެ، އެކަމަށް ހިތްވަރު ދޭ މީހުންގެ މައުލޫމާތު ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމާއި ނޫސްތަކަށް ކޮމެންޓްކުރުމަކީ ވެސް ޖިނާއީ ކުށެއް ކަމަށެވެ.
އެގޮތުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެކަމަށް ހިތްވަރު ދީ އަދި އެކަމަށް ތައުރީފުކޮށް، ކާކުކަން އެނގޭ ގޮތަށާއި ކާކުކަން ނޭނގޭ ގޮތަށް ވާހަކަދައްކައި ކޮމެންޓް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ މީހުންގެ އެކައުންޓުތަކާއި އެމީހުންގެ މައުލޫމާތު ނެގުމަށްފަހު އާކައިވް ކުރާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
"މިބާވަތުގެ ޓެރަރިޒަމުގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފުކޮށް، ހިތްވަރު ދީ އަދި ޝައުގުވެރިކުރުވުން ނޫނީ ތާއީދު ކުރާ ކަމަށް ދެއްކުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާ ކަމެއް. އަދި އެއީ އަދަބު ކަނޑަޅިފައިވާ ޖިނާއީ ކުށްތަކެއް،" ރިޔާޒު ވިދާޅުވިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމަކީ ކުށެއް ކަމަށެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހަކު 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްުޔަރުކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32)ގެ އިތުރުން މިއަދު ހައްޔަރުކުރި އަހުމަދު އަދުހަމް (26އ)އެވެ.
ޚަބަރު
ޚަބަރު
ޚަބަރު