ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަހުމަދު އަދުހަމްގެ ސިފަ ބަދަލުކުރުމަށްޓަކައި ތުނބުޅި އާއި ބޮލުގެ އިސްތަށިގަނޑު ތުނިކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، ކޮންމެވެސް ވަރަކަށް ސިފަ ބަދަލުކުރަން އަދުހަމް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"މޫނުމަތީގެ އިސްތަށި، ހާއްސަކޮށް ތުނބުޅި ކޮށާލައި ނުވަތަ ތުނބުޅި ބާލާފައިވާކަން ފާހަގަކުރެވޭ. ދެން ބޮލުގެ އިސްތަށިގަނޑުވެސް ތުނިކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ. ދެން މިކަމަށް ބޭނުންވާ އާލާތްތައް އަޅުގަނޑުމެންނަށް ރިކަވާ ކުރެވިފައިވޭ އެގެއިން" ސީޕީ ހަމީދު ވިދާޅުވިއެވެ.
ވ. ތިނަދޫއަށް އުފަން އަދުހަމް ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިޔާޒު ވިދާޅުވީ، އަދުހަމް ފޮރުވަން އެއްވެސް ބަޔަކު މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް މިހާތަނަށް ހޯދިފައި ނުވާ ކަމަށާއި އެފަދަ އަމަލެއް ހިންގައިފިނަމަ އެއީ ޖިނާއީ ކުށެއް ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބީ އަދުހަމްގެ އިތުރުން މއ. ފޭރުގެ، މުޖާޒް އަހުމަދު (21އ) އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ތުން މީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
ފުލުހުން މިއަދު ބުނީ، އެ ތިން މީހުންވެސް އެކަކު އަނެކަކާ އެކި ދުވަސްމަތިން މުއާމަލާތް ކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު