ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލުމަށްފަހު އެކަމުގައި ތުހުމަތުވާ އެންމެ އިސް މީހާ އަހުމަދު އަދުހަމް ގޮސް އެންމެ ފުރަތަމަ އެރީ މިސްކިތަށް ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ރިޔާޒު ވިދާޅުވީ، ހަމަލާގެ ވަގުތުގައި އަދުހަމް ހުރީ އަތަމާ ޕެލެސްގައި ކަމަށާއި އެ ވަގުތު އޭނާގެ އަތުގައި ރިމޯޓެއް ކަހަލަގެ އެއްޗެއް އޮތް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބޮން ގޮއްވާލި ވަގުތު އަދުހަމްގެ ހަރަކާތްތައް ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއަކީ އޭނާ އެވަގުތު ހުރި، ކުރީގެ އަތަމާ ޕެލެސްގެ އެތެރޭގައި ސީސީޓީވީ ކެމެރާއަށް އަރާފައިވާ މަންޒަރުތަކެވެ.

ރިޔާޒު ވިދާޅުވީ، ބޮން ގޮއްވާލި ވަގުތު އެ ސަރަހައްދުގައި ތިބި އެހެން މީހުންގެ ފަރާތުން އާދައިގެ އަމަލުތަކެއް ފެނުނު ނަމަވެސް އަދުހަމްގެ ފަރާތުން ފެނިގެން ދިޔައީ، ދުރާލާ އެކަމަށް ތައްޔާރުވެފައި ހުރި ކަމުގެ އަމަލުތަކެއް ކަމަށެވެ. އެގޮތުން އަތަމާ ޕެލެސްގެ ތަނބާ ނިވާވުމަށްފަހު ބޮން ގޮއްވާލައި، އެތަނުން ދުވެފައި ދާ މަންޒަރު ފެންނަ އާންމުކުރި ފުޓޭޖުން ފެނެއެވެ.

ރިޔާޒު ވިދާޅުވީ، ބޮން ގޮއްވާލުމަށްފަހު ދުވެފައި އަދި ބާރު ހިނގުމެއްގައި ގޮސް އަދުހަމް ފުރަތަމަ އެރީ ޖަލާލުއްދީން މިސްކިތަށް ކަމަށެވެ. އަދި ފަހުން އަމީނީމަގުގައި ހުންނަ އަމީނީ ބިލްޑިން ކައިރީގައި ހުންނަ ޕާކަށް ގޮސް، މި މައްސަލައިގައި ހައްޔަރުކުރި އަހުމަދު މުޖާޒްއާ ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ، އެ ފަހުން މުޖާޒްއާ ދެމީހުން އެކުގައި ޓީވީއެމް ކުރިމަތީގައި، ރެހެންދި ހިނގުމުގައި އޮންނަ ޕާކު ތެރޭގައިވެސް މަޑުކޮށްގެން ތިބިކަން ފުޓޭޖުތަކުން ފެންނަ އެބަހުރި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރޭގައި އަދުހަމް އާއި މުޖާޒްގެ އިތުރުން ދެން ހިމެނެނީ ގއ. ކޮނޑޭ/ ފޮޅޭމާ، ތަހުމީން އަހުމަދު (32) އެވެ. އެ ތިން މީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ އަދި ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. މީގެ ތެރެއިން ތަހުމީނަކީ ހަމަލާގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާއެވެ.