މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއެއްގައި ޒަހަމްވެ ވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ހޮސްޕިޓަލަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވާފައިވާ އިރު، ރައީސް ސޯލިހު އޭޑީކޭއަށް ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރޭ ދިން އެ ހަމަލާއާ ގުޅިގެން އެރޭ ވެސް ރައީސް ސޯލިހު ވަނީ އޭޑީކޭއަށް ވަޑައިގެން ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވައިފައެވެ. އެރޭ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދުވެސް ވަޑައިގަތެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ކުރުމަށް ކާމިޔާބު ގިނަ ސާޖަރީތަކެއް ވަނީ ކޮށްފައެވެ. އެމަނިކުފާނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މިހާރު ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިންނާއި އޭޑީކޭ ހޮސްޕިޓަލުންވެސް ބުނެއެވެ.

ރައީސް ނަޝީދުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިދާޅުވީ، ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން 16 ގަޑިއިރު ވަންދެން ކުރި ގިނަ ސާޖަރީތަކަށްފަހު އެމަނިކުފާނު މިވަގުތު އޮންނެވީ ކްރިޓިކަލް ކެއާ ޔުނިޓު (ސީސީޔޫ)ގައި ކަމަށެވެ.