ޚަބަރު

ލަންދޫ ބަނދަރު މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރިފާ ހަލީލު

ނ. ލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

ލަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތް ހާމަކުރަމުން އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަހުގެ ހަ ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.4 މިލިއަން ރުފިޔާއަށެވެ.