ރާއްޖޭގައި ކޮވިޑް 19ގެ ނުރައްކާ ބޮޑުވަމުންދާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ތައްޔާރުވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމާ މެދު ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބު އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ ކޮލިފިކޭޝަން މެޗު މިމަހުގެ 11 ވަނަ ދުވަހު ކުޅުމަށް ތައްޔާރުވެފައިވާ އިރު، އޭގެ ފަހުން ކުޅޭ ގްރޫޕް ޑީގެ މެޗުތައްވެސް ހޯސްޓް ކުރާނީ ރާއްޖޭގައެވެ. ރާއްޖޭގައި ކޮވިޑް ހާލަތު ގޯސް ނަމަވެސް، އެ މެޗުތައް ބަޔޯ ސެކުއާ ބަބުލް ސިސްޓަމެއްގެ ތެރެއިން ކުރިއަށް ގެންދަން އޭއެފްސީން ލަފާދީފައިވުމާއެކު އެފްއޭއެމްއާއި ޔޫތު މިނިސްޓްރީން ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހާއްސަ ހުއްދައެއްގެ ދަށުން މެޗުތައް ކުރިއަށްގެންދަން ނިންމައިފައެވެ.
މިފަދަ ކޮވިޑްގެ ހާލަތްތަކުގައި އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށް ގެންދަން އޭއެފްސީން ހަރުކަށި ސިއްހީ ގައިޑްލައިންތަކެއް އެކުލަވާލާފައިވާ އިރު، ޓީމުތައް މުބާރާތް ނިމެންދެންވެސް ތިބޭނީ އެކަހެރިކޮށް ކަރަންޓީނުގައެވެ. އިންޑިއާގައި ސެކުއާ ބަބުލް ސިސްޓަމުގެ ތެރެއިން ލީގު ނިންމައި، އަށް މަސް ވަންދެން އެކަހެރި ވެގެން ތިބުމަށްފަހު ބެންގަލޫރު އެފްސީގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް މިހާރު ރާއްޖެ އައިސް ޕީސީއާރު ޓެސްޓް ފުރިހަމަކޮށް، ހުރިހާ ކުޅުންތެރިންގެ ނަތީޖާ ވަނީ ނެގެޓިވް ވެސް ވެފައެވެ.
އެ މެޗުތަކާ ގުޅިގެން މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި އުފައްދަވާފައިވާ ސުވާލަކީ މިފަދަ ހާލަތެއްގައި ކުޅޭ ސަބަބު ނޭނގޭ ކަމަށް ވިދާޅުވެ އުފައްދަވާފައިވާ ސުވާލެކެވެ.
ގްރޫޕް ސްޓޭޖު މެޗުތަކަށް އިންޑިއާގެ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަސަންދުރާ ކިންގްސް އަދި ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު، އެޓީމުތަކުންވެސް އައިސް ތިބޭނީ އެކަހެރިވެގެންނެވެ. އަދި ހުރިހާ ޓީމުތައްވެސް ދެން އާންމުންނާ ބައްދަލުވެ، އާންމުންގެ ތެރެއަށް ނުކުންނާނީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅެ ނިންމައޮފައެވެ. ދިވެހި ދެޓީމު ވެސް ނުކުންނާނީ ނެގެޓިވް ނަތީޖާއާއެކުއެވެ.
އެކަންކަމަށް އޭއެފްސީގެ ޓީމުތަކުން ބަލާނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވާ އިރު، އެފްއޭއެމްއިން ވަނީ މެޗުތައް ކުރިއަށް ދާނީ ރައްކާތެރިކޮށް ކަމަށް ބުނެ، ޔަގީންކަން ދީފައެވެ. އަދި އެއްވެސް ކަމެއް ޕްރޮޓޮކޯލްއިން ބޭރުން ނުހިނގާނެ ކަމަށް މިނިސްޓަރުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ވިދާޅުވެފައެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް