ފްރާންސްގެ އެންމެ ވަރުގަދަ ކްލަބު، ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި، ނޭމާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރުގެ ސީޒަން ނިމެންދެން އާކޮށްފިއެވެ.

ޕީއެސްޖީން އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، ހަބަރުތައް ބުނެފައިވާ ގޮތުން ނޭމާގެ އެއްބަސްވުމުގައި އޭނާއަށް އިތުރު ބޯނަސް ފައިސާތަކުގެ އިތުރުން މުސާރައިގެ ކުރިއެރުމެއްވެސް ގެނެސްފައިވެއެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގު ކްލަބާއެކު ހޯދައިފިނަމަ އިތުރު ބޯނަސްތައް ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވާ ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ ނޭމާ އެއްބަސްވުން އާކުރުމަށްފަހު އޭނާ ބުނެފައި ވަނީ މިވަގުތު ޕީއެސްޖީގައި ހުރީ ވަރަށް އުފަލުން ކަމަށާއި، އެހެން ކްލަބުތަކަށް ބަދަލުވާން ބޮޑެތި ހުށަހެޅުންތައް އައި ނަމަވެސް ޕީއެސްޖީ ދޫކޮށް ދާން ނުވިސްނަނީ އެހެންވެ ކަމަށެވެ.

"އަހަރެން އިންސާނެއްގެ ގޮތުގައި ވަރަށް ބޮޑަށް ހަރުދަނާ ވެއްޖެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު ހަރުދަނާ ކަމާއި ކުރިއެރުން މާ ބޮޑުތަނުންވެސް ބަލައިގަންނަން. ބައެއް މައްސަލަތައް ޖެހުނު ނަމަވެސް އަހަރެން ބޭނުމެއް ނޫން ޕީއެސްޖީ ދޫކޮށްލާކަށް، ކްލަބާއެކު ކާމިޔާބު ހޯދޭނެ،" ނޭމާ ބުނެފައިވެއެވެ.

ނޭމާ ކުރިން ކުޅެމުންދިޔަ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައި ވަނީ 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު 200 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިހާތަނަށް ޕީއެސްޖީއަށް 112 މެޗު ކުޅެ، 85 ގޯލް ނޭމާ ޕީއެސްޖީއަށް ޖަހައިދީފައިވާއިރު، އޭނާ ވަނީ 51 ގޯލަކަށް އެސިސްޓް ކޮށްދީފައެވެ.

ޕީއެސްޖީއާއެކު މިހާތަނަށް ހޭދަކުރި ސީޒަންތަކުގެ ތެރެއިން އޭނާއަށް އެންމެ އުނދަގޫ ސީޒަނަކަށްވީ 2019 ވަނަ އަހަރުގެ ސީޒަނެވެ. އެ ސީޒަންގައި އަނިޔާގެ މައްސަލަތައް ދިމާވެ، ސަޕޯޓަރުންގެ އުންމީދުތަކާ އެއްވަރަށް ނޭމާއަށް ނުކުޅެވުމުން ސަޕޯޓަރުން ވަނީ ނުރުހުން އަމާޒުކޮށްފައެވެ. އަދި ނޭމާ ބާސާއަށް ދާން ބޭނުންވި ކަމުގެ ވާހަކަތަކާއެކު ސަޕޯޓަރުން ވަނީ އޭނާއަށް "ބޫ" ވެސް ކޮށްފައެވެ.

ނޭމާ ޕީއެސްޖީއާއެކު ލީގު އުފުލައިލުމުގެ އިތުރުން ޗެމްޕިއަންސް ލީގު ފައިނަލްގައިވެސް ކުޅެފައިވެއެވެ.