ޚަބަރު

ރައީސް ނަޝީދު ގެނެވުނުއިރު ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔަ، ދިހަ މިނެޓު ތެރޭ ތިއޭޓަރަށް ވެއްދުނު: އޭޑީކޭ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެނެވުނުއިރު ވަރަށް ބޮޑަށް ލޭ އަންނަމުން ދިޔަ ކަމަށާއި ދިހަ މިނެޓު ތެރޭ ތިއޭޓަރަށް ވެއްދުނު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލަށް ގެނައުމުން އެމަނިކުފާނަށް ފަރުވާދިނުމުގެ ކަންތައްތައް ދިޔަ ގޮތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކާއެކު ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގެ އެމެޖެންސީއަށް ގެނައީ ގާތްގަނޑަކަށް އެރޭ 8:30 ހާއިރު ކަމަށެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ގެނައުމާއެކު ޑޮކްޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށާއި، އެވަގުތު ކުރަންޖެހޭ ކަންތައްތައް ކުރުމަށްފަހު 10 މިނިޓުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނު ކަމަށްވެސް، ރައީސް ނަޝީދަށް އޭޑީކޭއިން އެންމެ ފުރަތަމަ ރެސްޕޮންޑްކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނިޔާފު ވިދާޅުވިއެވެ.

އިތުރު ތަފްސީލް ދެއްވަމުން ޑރ؛ ދުސޫމާ އަބްދުއްރައްޔާގު ވިދާޅުވީ، ރައީސް ނަޝީދު އޭޑީކޭއަށް ގެނައުމުން ފުރަތަމަ ބެއްލެވީ އެމަނިކުފާނު ރަނގަޅަށް ރެސްޕޮންސް ކުރޭތޯ ކަމަށެވެ. އެގޮތުން ރައީސް ނަޝީދާ ކުރެއްވި ސުވާލުތަކަށް، އެމަނިކުފާނު ރަނގަޅަށް ޖަވާބުދެއްވުމުން ކޮންސެޝަން ލެވެލް ރަނގަޅުކަން އެނގުމުން ދެން ހެއްދެވީ ޕްރައިމަރީ ސާވޭއެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ސާވޭއިން އެމަނިކުފާނުުގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނުން ބްލީޑްވާކަން އެނގުމުން، އެންމެ ރަނގަޅު ގޮތަކީ ލޭއައުން ހުއްޓުވުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް ކުރަންޖެހޭ ކަންތައްތައް ކުރުން ކަމަށްވެސް، ރައީސް ނަޝީދަށް އެންމެ ފުރަތަމަ ރެސްޕޮންސްކުރި އެއް ޑޮކްޓަރު ދުސޫމާ ވިދާޅުވިއެވެ.

ޑރ. ދުސޫމާ ވިދާޅުވީ ރައީސް ނަޝީދުގެ ހަޝިގަނޑުން ލޭ އައުން މަނާ ކުރުމުގެ ކަންތައް ފެށީ އިންކިއުބޭޓް ކުރުމަށްފަހުގައި ކަމަށެވެ.

ރައީސް ނަޝީދަށް ފަރުވާދޭ ޑޮކްޓަރުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. ނިޝާން ވިދާޅުވީ، ރައީސް ނަޝީދު ތިއޭޓަރަށް ގެންދިޔައިރުވެސް ހަށިޔަނޑު ވަރަށް ބޮޑަށް ބްލީޑްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ތިއޭޓަރުގައި ރައީސް ނަޝީދު ހޭ ނެއްތުމަށްފަހު، ފުރަތަމަވެސް މަސައްކަތް ކުރީ އެންމެ ބޮޑަށް ލޭ އަންނަ ތަންތަން ފާހަގަކޮށް ލޭ މަނާކުރުމުގެ މަސައްކަތްކުރުމަށް ކަމަށާއި އެއަށްފަހު ސިޓީ ސްކޭނެއް ހަދައި އެތެރޭގެ އެއްވެސް ގުނަވަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލި ކަމަށެވެ.

އެކަމުގެ ތެރެއިން، ރައީސް ނަޝީދުގެ ހަށިގަނޑުގެ އެތެރެއަށް، އޭތި ގޮވުމުގެ ސަބަބުން ބުރައިގެންދިޔަ ބައެއް ރޭޒާ ފުއްތަކާއި ދަގަނޑުކޮޅުތައް ވަދެފައިވާކަން ފާހަގަވި ކަމަށްވެސް ވިދާޅުވިއެވެ.