ރާއްޖޭގައި މިއުޅެނީ ކޮވީޑުގެ އާ ސްޓްރެއިން ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ އާ ސްޓްރެއިން (ވޭރިއަންްޓް) އެއް އުޅޭ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.

"އާ ސްޓްރެއިން މާ ބޮޑަށްވެސް ނުރައްކާ ބޮޑުކަމަށް މި ފެންނަނީ. ހާއްސަކޮށް ފުއްޕާމެއަށް ގެއްލުންދޭ މިންވަރު ބޮޑު،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ އާ ސްޓްރެއިނެއް އުޅޭކަން ފާހަގަކުރައްވައި ޑރ. މުހައްމަދު އަލީ ވަނީ ހުރިހާ އެންމެން ވެސް އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާއި، ރަނގަޅަށް މާސްކު އެޅުމަށާއި، އަތް ދޮވުމަށް އިލްތިމާސްކުރައްވައިފައެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ފާއިތުވި ތިން ދުވަހު ކޭސްތައް އުޅެނީ 700 އިން މަތީގައެވެ. އެގޮތުން އިއްޔެވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 205 މީހަކު އެބަތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 83 މީހަކު ވަނީ މަރުވެފައެވެ. އެއީ 72 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.