އައިސީޔޫގައި ތިބި މީހުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ އެންމެ މީހަކު ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ހުންނަ އައިސީޔޫގައި ފަރުވާދެމުން އަންނަ ކޮވިޑް ބަލި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ އެންމެ މީހެއް ކަމަށެވެ.

"އެމީހާވެސް ކޮވިޑަށް ޕޮޒިޓިވް ވެފައި މިވަނީ ވެކްސިން ޖެހިތާ ދެ ހަފްތާ ވުމުގެ ކުރިން" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

ޑީއެޗް-11ގައި މިވަގުތު 11 ބަލި މީހަކަށް އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އެޗްއީއޯސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ޑީއެޗް-11ގައި އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ 50 އިންސައްތައެއްހާ މީހުންނަކީ ޒުވާނުންނެވެ.