ފަހުގެ ތާރީހެއްގައި ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނީލޯފަރު ހިނގުމާއި މަޖީދީ މަގާވީ ކަންމަތީގައި އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާއެވެ. ވޭވް ބްރޭންޑުގެ ނޫކުލައިގެ ސައިކަލެއްގެ މަޑިދަށުގައި ހަރުކޮށްގެން ގޮއްވާލީ ހޯމް މޭޑް ނޮން މިލިޓޭރިއަން ގްރޭޑްގެ ގޮވާ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ޑިވައިސްއެކެވެ. ކުރުނބާ މޯލްޑިވްސްގައި އޮތް އިވެންޓަކަށް ވަޑައިގަތުމަށް ރައީސް ނަޝީދު، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ. ކެރެނީގެއިން ނުކުމެވަޑައިގެން ސެކިއުރިޓީންނާއެކު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވި ވަގުތާ ދިމާކޮށް އެ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ގޮައްވާލީ އެރޭގެ 20:27 އެހާކަންހާއިރު އެވެ.
ބާރު އަޑުފަށްގަނޑާއެކު އެ ގޮވުން ގޮވިއިރު، ސަރަހައްދުގައި އެވަގުތު ތިބި އެންމެންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ދުމުގެ މާބޮޑު އަސަރެއް ނެތި، އިވުނު ބާރު އަޑުފަށްގަނޑާ އެ ގޮވުމުގެ ބާރުގަދަ ކަމުން އެ ގޮވުމުގެ އަސްލު ކަމުގައިވާ އައިއީޑީ ލާފައި އޮތް ސައިލަކުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި ޖެހިގެން ހުރި ފިހާރައިގެ ބިއްލޫރިގަނޑުވެސް ފުނޑުފުނޑުވެގެން ފޭބިއިރު އެ ފިހާރައިގެ ސީލިންގަށްވެސް އަސަރުކޮށްފައިވެއެވެ. އަދި އިތުރު ސައިކަލަކަށްވެސް އެ ގޮވުމުގެ ސަބަބުން ގެއްލުންވިއެވެ. އެ ހާދިސާގައި ގެއްލުންވީ ހަމައެކަނި ތަކެއްޗަކަށް ނޫނެވެ. ރާއްޖޭގެ ރައީސްކަން ކުރައްވައި، މިހާރު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ.
އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުގައި، އެ ހަމަލާގެ ސަބަބުން ޒަހަމްތަކާއެކު، ރައީސް ނަޝީދު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. ރައީސް ނަޝީދަށް ހަށިފާރަވެރިކަން ކޮށްދޭން ތިބި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ހަށިފާރަވެރިން ވެސް ޒަހަމް ވިއެވެ. އަދި އެ ސަރަހައްދުގައި ތިބި އާންމުންގެ ދެ މީހަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. ބާރުގަދަ އެ ގޮވުމާއެކު ރައީސް ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށްޓަކައި ވަގުތުން އެމަނިކުފާނު ގެންދިޔައީ އެންމެ ކައިރީގައި އެވަގުތު ހުރި ހޮސްޕިޓަލު، އޭޑީކޭ އަށެވެ. އަދި އިމަޖެންސީގައި ވަގުތުން ފަރުވާ ފަށައި، ފުރާނަ ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ އޮޕަރޭޝަންތައް ވަނީ ކާމިޔާބު ކަމާއެކު ނިންމާލައިފައެވެ. ނަމަވެސް އަދިވެސް އެމަނިކުފާނަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.
ރައީސް ނަޝީދަށް ބުރާސްފަތި ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ގައުމީ ދިފާއީ ބާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެންޑީއެފުން ވަނީ، ވަރަށް ތަފުސީލީ ގޮތެއްގައި އެ ހާދިސާގެ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ އައިއީޑީ ގޮއްވާލައިފައިވަނީ، ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި އެ އައިޑީއަކީ ސަލްޓަންޕާކުގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީއަށްވުރެ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށާއި އޭގެތެރެއަށް ގިނަ އަދަދަކަށް ރޭޒާ ފުއް ވެސް އަޅާފައި ހުރި ކަމަށެވެ.
"ދެހާސް ހަތް ވަނަ އަހަރުގެ ސަލްޓަންޕާކުގެ އައިއީޑިއަށް ބަލާފައި މި އައިއީޑީއަކީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން،" ޝަމާލް ވިދާޅުވެފައިވެއެވެ.
ޝަމާލް އިތުރަށް ވިދާޅުވި ގޮތުގައި ގޮއްވާލި އައިއީޑީގެ ޑިޓޮނޭޝަން އޭންގަލް ހުރީ އައިއީޑީ އޮތް ދިމާލުން މައްޗާ ދިމާލަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އައިޑީއެއް ގޮއްވާލި ވަގުތު އެ ސަރަހައްދައި ހުރި މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި އައިއީޑީ ގޮވުމާއެކު އެ މުޅި ސަރަހައްދުން ދުވީ ފާހާނަ ސާފުކުރަން ބޭނުންކުރާ "ސާފު" ފުޅިން ދުވާ ޒާތުގެ ވަހެކެވެ. ސާފަކީ ނުރައްކާތެރި ކެމިކަލްތައް ބޭނުންކޮށްގެން ހަދާފައި ހުންނަ އެއްޗެކެވެ. ބައެއް ޒާތުގެ ގޮވާތަކެތި ހެދުމަށް "ސާފު" ބޭނުންކޮށް އުޅެއެވެ.
"އަޅުގަނޑު ހުރީ ގާތްގަނށޑަށް 10 ވަރަކަށް ފޫޓު ދުރުގަ ހަމަ ނީލޯފަރު ހިނގުމުގަ. އަޅުގަނޑުގެ ކުރިއަށް އެއް ސައިކަލު ހުރި. ދެން ގޮއްވާލި ގަޑީގަ އަޅުގަނޑަށް ލޯ މަރާލެވުން. ކަންފަތްވެސް ބައްވި. ކަންފަތް މަތީގަ އަތްވެސް އެޅުނު. ހީވީ ފައިބުޑުން އެއްޗެއް ގޮއްވާލިހެން. އެހާވެސް އަޑު ގަދަ. އެއްޗެއް ގޮވިނަމަވެސް އެއްވެސް ދުމުގެ އަސަރެއް ނެތް. ނަމަވެސް އެގަޑީގަ ސާފު ވަސްގަނޑު ވަރަށް ގަދައަށް ދުވި. ބައެއް އެތިކޮޅުކޮޅު ބުރައިގެންވެސް އައި. ސީދާ ބިއްލޫރިކަމެއް އެހެން އެއްޗެއް ކަމެއް ބުނާކަށް ނޭނގެ" މަންޒަރު ދުށް މީހަކު "ވަން" އަށް ކިޔައިދިނެއެވެ.
އޭނާ ކިޔައިދިން ގޮތުގައި، އެ ގޮވުމާއެކު، މީހަކު ވަރަށް ބާރަށް ހަޅޭ ލެވި އަޑު އޭނާއަށް އިވުނެވެ. އޭނާ ލަފާ ކުރާ ގޮތުގައި އެއީ ރައީސް ނަޝީދު ނުވަތަ އޭނާގެ ބޮޑީގާޑެވެ.
"ވަރަށް ބާރަށް މީހަކު ހަޅޭ ލެވި އަޑު އިވުނު. ދެން އެގަޑީގަ އެތާނގަ އޮތް މެދު އުމުރުގެ ފިިރިހެނަކު ޒަހަމްވެފައި. އޭނާގެ ފައިގެ ކުޑަވާ އިނގިލި ކައިރިން ވަރަށް ބޮޑަށް ކަނޑައިގެން ގޮސްފައި ހުރީ. ގާތްގަނޑަކަށް ދެތިން އިންޗިއަށް ހުރި. އަޅުގަނޑު ވަގުތުން ލައިގެން ހުރި ޓީޝާޓު ބާލާފައި އެތާނގައި އޮޅިން. އެއީ އަޅުގަނޑަށް ގަބޫލު ކުރެވުނު އެންމެ ރަނގަޅު ގޮތް. އޭގެ ފަހުން އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ" އެމީހާ ކިޔައިދިނެވެ.
ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފުލުހުންގެ ޓީމެއް އައި ކަމަށާއި އެ ސަރަހައްދުން ޝައްކު ކުރެވޭ އެއްވެސް މީހަކު ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމާލާއާ ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ހަތަރު މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުން އަންނައިރު، ރައީސް، ނަޝީދަށް ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަނީ ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބުނާ މީހާގެ ދެ ފޮޓޯއެކެވެ. އެއް ފޮޓޯގައި ފެނިގެން ދަނީ އެމީހާ ތަނެއްގައި މަޑުކޮށްލައިގެން ހުންނަ ތަނެވެ. އަދި އަނެއް ފޮޓޯގައި ފެނިގެން ދަނީ އެމީހާ ފައިވާން އަތަށް ނަގައިގެން ދުވެފައިދާ މަންޒަރެވެ. އާންމުވެފައިވާ މީހާގެ ފޮޓޯތައް ނަގާފައިވަނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖް ތަކަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އޮންލައިން މީޑިއާއަކަށް ވިދާޅުވި ގޮތުގައި އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެމީހާ ބޮން ގޮއްވާލީ އެތަނުގައި ހުރެގެން ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެނެވެ. އަދި އެ މީހާގެ ހަރަކާތްތައް ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާ ކަމަށްވެސް ބޮންޑޭ ވިދާޅުވެފައިވެއެވެ.
ފުލުހުން ވަނީ މި މީހާ މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެކަމުގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ އެހީތެރިކަން އަންނަނީ ރާއްޖެއަށް ލިބެމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް