ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އައިޑީއެއް ގޮއްވާލައި އެމަނިކުފާނަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލު މިއަދު ހަވީރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯރުކޮށްދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހޯދައި ހައްޔަރުކުރުކޮށް، ހެކި ހޯދުމަށް ފުލުހުން އަންނަނީ އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިއަދު ވެސް ފުލުހުން ވަނީ ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ، ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން އެ ހަމަލާއާ ގުޅިގެން އަނިޔާވެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެމަނިކުފާނަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށް 16 ގަޑިއިރު ހޭދަވިއެވެ.
ސާޖާރީތަކަށް ފަހު އޭޑީކޭ އިން އިއްޔެ މައުލޫމާތު ދިން ގޮތުގައި ރައީސް ނަޝީދުގެ ބޮލާއި މެޔާއި ބަނޑާއި އަތުގެ ސާޖަރީތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށް ވެސް އިއްޔެ އޭޑީކޭ އިން މައުލޫމާތު ދިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު