އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނަން ނިންމާފައިވާތީ، އަންނަ ބުދަ ދުވަހުން ފެށިގެން ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރު ކުރެވޭނީ އެގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުން ރެޑް ލިސްޓު ކުރާ ގައުމުތަކުން އެގައުމަށް އެތެރެވުން އަންނަނީ މަނާ ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އަންނަ ބުދަ ދުވަހުގެ ފަތިހު 4:00 އިން ފެށިގެން ރާއްޖެ ހިމެނުމަށް އެގައުމުން ވަނީ ނިންމާފައެވެ. ރާއްޖޭގެ އިތުރުން ތުރުކީ އަދި ނޭޕާލް ހިމެނުމަށްވެސް ވަނީ ނިންމައިފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިނގިރޭސިވިލާތާއި އަޔަލެންޑުގެ ރައްޔިތުންނާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކުން އެގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާނަމަ ނުވަތަ ރާއްޖޭގައި ޓްރާންސިޓް ކޮށްފައި ވާނަމަ، އިނގިރޭސިވިލާތަށް އެތެރެވުން މަނާވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެގައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައި ވާނަމަ، އެގައުމަށް އެތެރެވުމަށްފަހު، ޔޫކޭގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުގެ ދެ ވަނަ ދުވަހާއި އަށް ވަނަ ދުވަހު ކޮވިޑް ޓެސްޓް ހަދަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ އިނގިރޭސިވިލާތަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލު ވެ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.
މީގެ ކުރިން ރާއްޖެ އޮތީ އިނގިރޭސިވިލާތުގެ ގްރީން ލިސްޓްގައެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ދަތުރުކުރެވޭނެ ގައުމުތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު