ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެނބުރި ވަޑައިގަންނަވާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހަމަލާއެއް ދީފައެވެ. އެ ހަމަލާ ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގަތް މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަންވަނިކޮށް ކާރު ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އެއްޗެއް ގޮއްވާލައިގެންނެވެ.
އެ ހަމަލާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު ޝައްކު ކުރެވޭ އަމަލުތަކެއް ހުރި ހަތަރު މީހަކު އެ ސަރަހައްދުގައި އެރޭ އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރައީސް ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ﷲގެ ރަހުމަތްފުޅުން ރައީސް ނަޝީދުގެ ހުރިހާ ސާޖަރީއެއް ކާމިޔާބު ކަމަށެވެ. އަދި އޭޑީކޭގެ ޑޮކްޓަރުންނާއި ސްޓާފުން ރައީސް ނަޝީދުގެ ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާކުރަން. އަދި ކުރިއަށްވުރެ ވަރުގަދަކޮށް ވަޑައިގަންނަވާނެ،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާ އިރު، އެމަނިކުފާނު އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ. އޭޑީކޭ އިން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި، އެމަނިކުފާނުގެ ހާލު ކްރިޓިކަލްއެވެ. އަދި ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު