އެއްވެސް ޓެރަރިސްޓަކަށް ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލައާ ގުޅިގެން ބަންޑާރަ ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެވަރުގެ ހަމަލާއެއް ދިން އިރު އެކަން އެނގޭ ބަޔަކު ތިބޭނެ ކަމަށާއި ސިއްރުނުކޮށް ފަރުދީ ޒިންމާ ނަގަން ޖެހޭ ކަމަށެވެ.

"މި ރާއްޖެ ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުން އެއީ ޓެރެރިސްޓް މީހުންގެ މަގުސަދު ކަމަށް ވަންޔާ އެ މަގުސަދު ހާސިލުކުރަން އަޅުގަނޑުމެން ދިވެހިން މިތިބީ ތައްޔާރަކަށް ނޫން. ގައުމީ ދިފާއީ ބާރުން އެންމެ ފަހު މީހާއާ ޖެހެންދެން ނުކުމެ އެ މަސައްކަތް ކުރާނެ، މި ރާއްޖެއިން މި ޓެރެރިޒަމްގެ ބިރުވެރިކަން ފިލުވާލުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ޓެރެރިސްޓް ހަމަލާއެއް ދޭކަމުގައި ވަނީ ނަމަ އެ ފަރާތްތަކަކުން އެ ކުރިމަތިލަނީ ގައުމީ ދިފާއީ ބާރާކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، އެއްވެސް ރައްޔިތަކު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.