ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން މީހުންނާ ހަމައަށް ޔުނީފޯމް އެޅި ސަލާމަތީ ބާރުތަކުން އަރައި ހަމަކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ އިރާކޮޅުގެ ވަގުތެއްގައި ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ފިލާ ތިބެގެން އެ ހަމަލާދިން މީހުންނާ ޔުނީފޯމު އެޅި ސިފައިން ވަރަށް އަވަހަށް އަރާ ހަމަކުރާނެ ކަމަށާއި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"ފިލާ ތިބެގެން މިފަދަ ހަމަލާ ދޭ މީހަކަށް ނުވަތަ ބަޔަކަށް އަބަދކު ފިލައިގެނެއް ނޫޅެވޭނެ. ރައީސް ނަޝީދަށް ހަމަލާދިން މީހުންނާވެސް ޔުނީފޯމު އެޅި ސިފައިން ވަރަށް އަވަހަށް އަރާ ހަމަކުރާނެ. ރައީސް ނަޝީދަކީ ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. އެ ބޭފުޅާއަށް އެވަރުގެ ކަމެއް ވީމާ އެނގެނީ މި ސެކިއުރިޓީ ހާލަތުގައި އެންމެން ވިސްނަން ޖެހޭނެކަން," މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވައި އަދި މިހާރުވެސް މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކަށް އަމާޒު ކޮށްގެން މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން މި ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ސިފައިންނާއި ފުލުހުންނާއެކު އާންމު ރައްޔިތުންވެސް ތެދުވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ހާދިސާ ހިނގިި ވަގުތު، ރައީސް ނަޝީދުގެ ބޮޑީގާޑުން ކުރެއްވި މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން މާރިޔާ ވިދާޅުވީ އެވަގުތު އެ ބޭކަލުން ދެއްކެވީ ޕްރޮފެޝަނަލް ކަމާއި ސާބިތުކަން ކަމަށެވެ. އަދި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ހަވާލުކޮށްފައިވާ ގައުމީ ވާޖިބާއި މަސްއޫލިއްޔަތަށް އިސްކަންދިންތަން ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު