ދަތުރުފަތުރާ ގުޅިގެން ކުރެވޭ ކަރަންޓީނުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފިއެވެ.

ދަތުރުފަތުރު ކުރުމާ ގުޅިގެން ކަރަންޓީނު ވާން ޖެހޭ މުއްދަތެއްގެ ގޮތުގައި ފުރަތަމަ ކަނޑައަޅާފައިވަނީ ވެސް 14 ދުވަހެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ވަނީ ކަރަންޓީނުގެ މުއްދަތު ދިހަ ދުވަހަށް ކުރުކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ މި ހިނދުން ފެށިގެން ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް އަންގާ ކަމަށެވެ.

އެ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އަންގާ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ކޮވިޑުގެ އަދަދުތައް އިތުރުވުމާ ގުޅިގެން މާލޭގެ އިތުރު ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ އާއި ބައެއް ރަށްރަށުގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ.

ފާއިތުވެދިޔަ ދެ ދުވަހު ރާއްޖެއިން ވަނީ ދުވާލެއްގެ މައްޗަށް 700 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފފައެވެ.