ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ސާޖަރީއެއް ނިމިއްޖެ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ހެނދުނު ބުނީ، ރޭގެ ހަމަލާއަށް ފަހު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުނު ފަހުން ކާމިޔާބު ކަމާއެކު ގިނަ ސާޖަރީތަކެއް ކުރެވިފައިވާ ކަމަށާއި މުހިންމު އެއް ސާޖަރީ އަދި ހަދަންޖެހޭ ކަމަށެވެ. ނަމަވެސް ކުރެވުނު ސާޖަރީތަކުގެ ތަފުސީލެއް ހޮސްޕިޓަލުން އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުންވެސް ހާމައެއް ނުކުރެއެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ހުރިހާ ސާޖަރީއެއް ހަދައި ނިމިފައިވާ ކަމަށާއި ހާލުކޮޅު ސްޓޭބަލް ކަމަށެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުވެސް ވިދާޅުވީ، ރައީސް ނަޝީދުގެ ހުރިހާ ސާޖަރީއެއް ހަދައި ނިމިފައިވާ ކަމަށާއި ދެން އޮތީ ރަނގަޅުވުމުގެ ދިގު ދަތުރު ކަމަށެވެ. އަދި އެމަނިކުފާނުގެ އޮޕަރޭޝަން ކުރެއްވި އޭޑީކޭގެ ޓީމަށް ނާޒިމް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މީގެ ކުރިން އިތުރު ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ލިބެއެވެ.