ޔޫއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓެޑުން ފައިނަލް ޖާގަ ޔަގީން ކުރިއިރު، ވިލަރެއާލް އަތް ދަށުވެ އާސެނަލް ކަޓައިފިއެވެ.
ޔުނައިޓެޑުން ސެމީ ފައިނަލްގައި ރޯމާއާ ދެކޮޅަށް ކުޅެފައިވާއިރު، އެޓީމުން ފުރަތަމަ ލެގު ކާމިޔާބު ކުރީ 6-2 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ރޯމާއަށް ފައިދާވި ހަމައެކަނި ކަމަކީ އަވޭ ދެ ގޯލް ޖެހުމެވެ. ރޭގެ ދެވަނަ ލެގަށް ނުކުތްއިރުވެސް ޔުނައިޓެޑަށް ފައިނަލްގެ އުންމީދު އޮތީ ވަރަށް ބޮޑު ކޮށެވެ.
ރޭގެ މެޗުން ޔުނައިޓެޑް 3-2 އިން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ޔުނައިޓެޑް ކުރި ހޯދީ 8-5 ގެ ނަތީޖާއަކުންނެވެ. ޖުމުލަ 13 ގޯލް ދެ މެޗުގައި ފެނިގެން ދިޔައިރު، ޔުނައިޓެޑްގެ ގޯލްތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ މި ސީޒަނަށް އަލަށް ޓީމާ ގުޅުނު އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީއެވެ. އޭނާ ރޭގެ މެޗުގައިވެސް ދެ ގޯލް ޖަހާފައިވެއެވެ. ހިލޭ ޓްރާންސްފާއެއްގައި ކަވާނީ އެންމެ ސީޒަނަކަށް ޔުނައިޓެޑަށް ދިޔަ ނަމަވެސް، ބެލެވޭ ގޮތުގައި މި ސީޒަނަށްފަހު ކަވާނީ ޔުނައިޓެޑްގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާކުރާނެއެވެ.
ރޭގެ މެޗުގައި ރޯމާގެ ތިން ގޯލް ޖަހައިދިނީ ކުރިން މެންޗެސްޓާ ސިޓީއަށް ކުޅުނު އެޑެން ޖެކޯގެ އިތުރުން ޓެލެސް އާއި ކްރިސްޓަންޓޭއެވެ.
ޔުނައިޓެޑުން އެންމެފަހުން ކާމިޔާބުކުރި ޓްރޮފީއަކީވެސް ޔޫރޮޕާ ލީގެވެ. 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު އެޓީމުން މޮރީނިއޯގެ ކޯޗުކަމުގެ ދަށުގައި ކާމިޔާބު ކޮށްފައިވާއިރު، އޭގެ ފަހުން ޓީމަށް އިތުރު ތަށްޓެއް ހޯދިފައެއް ނުވެއެވެ.
އާސެނަލްއިން ކުޅުނު ސެމީ ފައިނަލް މެޗު 0-0 އިން އެއްވަރު ވެގެން ނިމިފައިވާއިރު، އަވޭގައި ކުޅުނު މެޗުން އެޓީމު އޮތީ ވިލަރެއާލް އަތުން 2-1 އިން ބަލިވެފައެވެ. ރޭގެ މެޗުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންވެސް އާސެނަލްއަށް ފައިނަލަށް ދެވެން އޮތްއިރު، އެޓީމަށް ފައިނަލް ގެއްލުނީ ގިނަ ހުސް ފުރުސަތުތަކެއް ލިބި ގޯލެއް ނުޖެހިގެންނެވެ.
އާސެން ވެންގާގެ ކޯޗުކަމުގެ ދަށުގައި އާންމުކޮށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދަމުން އައި އާސެނަލްގެ ކުޅުން ސީޒަނެއް ސީޒަނަކަށްވުރެ ދަށަށް ގޮސްފައިވާއިރު، ފަހަކަށް އައިސް އެޓީމު ގިނައިން ކުޅެފައި ވަނީ ޔޫރޮޕާ ލީގުގައެވެ. އެ މުބާރާތުގައިވެސް އެންމެ އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާއިރު، މިސީޒަންގައި އާސެނަލްއަށް އޮތް ހަމައެކަނި އުންމީދަކީވެސް ޔޫރޮޕާ ލީގު ހޯދުމެވެ.
ލީގު ތާވަލުގައި ގަދަ 10 އެއްގެ ތެރޭގައިވެސް އާސެނަލްއަށް ހިފަހައްޓާލަން އުނދަގޫތަކަކާ ކުރިމަތިވެފައިވާއިރު، ޔޫރޮޕާ ލީގު ފައިނަލް ގެއްލުމާއެކު އާސެނަލްއަށް ޔޫރަޕްގެ މުބާރަތްތަކުން އެއްކޮށް އަލްވަދާއު ކިޔަން ޖެހޭނެކަން ވަނީ ޔަގީންވެފައެވެ. އެއީ 1996-97 ވަނަ އަހަރު ސީޒަނަށްފަހު އާސެނަލްއަށް ޔޫރަޕް ފުޓުބޯޅަ ގެއްލޭނެ ފުރަތަމަ ސީޒަނަށް ވާނެއެވެ.
މި ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލް ބަލިކުރި ނަމަވެސް، އާސެނަލްއަށް ސީޒަން ދިޔައީ މުޅިން ގޯސްކޮށެވެ. ހުސް އަތާ ސީޒަން ނިންމާލަން ޖެހިފައިވާއިރު، އެންމެ ބޮޑު މާޔޫސް ކަމަކަށްވާނީ ޔޫރަޕް ފުޓުބޯޅަ ގެއްލި، ކްލަބަށް މާލީ ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހުމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު