ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާގައި އަނިޔާވި ތިން ބޮޑީގާޑުން ފަރުވާއަށް ފަހު ދޫކޮށްލައިފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން، ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނާއި އެމަނިކުފާނުގެ ތިން ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް އަނިޔާވިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، މިރޭ އިރާކޮޅު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެކަކު ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަންފަތަށް ދަތުވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަނެއް ދެ މީހުން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ކުދި އަނިޔާތަކެއް ލިބިފައިވާ އެ ދެ ސިފައިންގެ މީހުން ވެސް ފަރުވާއަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ފަރުވާއަށް ގެންދިޔަ ތިން ސިފައިންގެ މީހުން ވެސް ދޫކޮށްލާފައިވާ އިރު، އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެހެން ނަމަވެސް އެ ހަމަލާ އަމާޒުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދިވެސް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް އެމަނިކުފާނުގެ ހާލުވެސް ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު