އަތޮޅުތެރޭގެ ފަސް ރަށެއްގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު އެންގުމުގައި ބުނީ، ޅ. ނައިފަރާއި ކ. މާފުށްޓާއި އއ. މަތިވެރި އާއި އއ. އުކުޅަސް އަދި ބ. އޭދަފުށީގައި މާދަމާ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ރަށްރަށުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެއުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

އެ އެންގުމުގައި ސެލޫންތަކާއި ބޯކޮށާތަންތަނާއި ޖިމުތައް ބަންދުރުމަށާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައްވެސް މެދުކަނޑާލަން އަންގާފައިވެއެވެ.

މީގެ އިތުރުން އެރަށް ރަށުގައި ފިރާތަކުން ހިދުމަތް ދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް އެތަންތަނުން ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.

އެ ފަސް ރަށުގައި ކާފިއު ހިންގަން ނިންމާފައި މިވަނީ އެރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާތީއެވެ.