ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ. އެ ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް އަނިޔާވެގެން އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.

ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އޭޑީކޭއަށް ވަޑައިގެންފައެވެ. އަދި ޑިފެންސް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަބްދުﷲ ޝަމާލުގެ އިތުރުން ދެ މުއައްސަސާގެ އިސްވެރިން އޭޑީކޭގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.