މިދިޔަ 24 ގަޑިއިރު ތެރޭ 703 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 33،368 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 526 މީހަކާއި އަތޮޅު ތެރެއިން 167 މީހަކާއި ސިނާއީ މަސައްކަތްކުރާ ރަށަކުން ތިން މީހެއް ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، އިއްޔެ އާއި މިއަދު މިވަނީ 700 އިން މައްޗަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 202 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 25،675 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 7،607 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 203 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 78 މީހަކު ވަނީ މަރުވެފައެވެ. އެއީ 68 ދިވެހިންނާއި 10 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަތް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.