ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން މިރޭ ދިން ހަމަލާ ކުރީގެ ރައީސުންނާއި ޕާޓީތަކުން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ވަނީ ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަށް ވެސް ވަނީ އަނިޔާވެފައެވެ. ނަމަވެސް ރައީސް ނަޝީދާއި ބޮޑީގާޑަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި ސިޔާސީ ދާއިރާގައި ހިނގާ ހަމަނުޖެހުންތަކާއި ނަފްރަތުވުންތައް ނައްތާލައި އެންމެން ގުޅިގެން މަސައްކަތް ކުރާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ ހެޔޮ ދުއާ ވަނީ ރައީސް ނަޝީދާއި އެމަނިފާނުގެ އާއިލާއާއެކުގައި ކަމަށެވެ.

ރައީސް ވަހީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރައްވައިފައެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ހެޔޮ ދުއާވެސް ވަނީ ރައީސް ނަޝީދާއެކުގައި ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީންވެސް ވަނީ ރައީސް ނަޝީދަށް ދިން އަނިޔާ ކުށްވެރިކޮށްފައެވެ. ސިޔާސީ ޕާޓީތަކުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާ އަވަހަށް ތަހުގީގުކޮށް، ކުށްވެރިވާ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހާލު މިހާރު ސްޓޭބަލްއެވެ.