ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 78 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވަޅުލުމުގެ ކަންތައް ހުޅުމާލެ ސަހަރާގައި މިހާރު ގެންދަނީ ކުރަމުންނެވެ.
މިއީ މިދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑުގައި ރާއްޖެއިން މަރުވި ހަތަރު ވަނަ މީހާއެވެ.
އެގޮތުން ރޭ ދަންވަރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ އިރު، ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި އޮތް 88 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ކޮވިޑު ބަލީގައި މިއަދު މަރުވެފައެވެ. އޭގެ އިތުރުން ރަސްދޫގައި ކޮވިޑު ޖެހިގެން ކަރަންޓީނުގައި ހުރި އިންޑިއާ ރައްޔިތަކުވެސް މިއަދު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.
މި ހަތަރު މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 68 ދިވެހިންނާއި 10 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަތް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު