ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެއެވެ.

މިއީ އެ ރަށުން ކޮވިޑް ބަލީގައި މިއަދު މަރުވި ދެވަނަ މީހާއެވެ. މީގެ ކުރިން އެރަށުން މަރުވެފައިވަނީ 83 އަހަރުގެ ފިރިހެނެކެވެ.

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "ވަން" އަށް މިރޭ ވިދާޅުވީ، އެރަށުން މިއަދު އިތުރު މީހަކު މަރުވެފައިވާ ކަމަށާއި އެމީހާ މަރުވިކަން އެނގުނީ މިރޭ 8:30 ހާއިރު ކަމަށެވެ.

ނައިފަރުން މިރޭ މަރުވީ 97 އަހަރުގެ އަންހެނެކެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑު ޖެހިގެން އިތުރު ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއީ ޅ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ފިރިހެނެކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަންވަރު މަރުވި އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކާއި ރަސްދޫއިން ކޮވިޑް ޖެހިގެން ކަރަންޓީނުގައި ހުއްޓައި މަރުވި ފަތުރުވެރިޔަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މިހާތަނަށް 79 މީހަކު ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.