(03 މެއިގެ އަދަދާ ގުޅޭ)
އަންދަލުސުގެ މަސްރަޙުން ފާޅުވާންއުޅޭ ކުލަތަކާމެދު ދެން އެންމެ ފިކުރު ބޮޑުވެފައިތިބީ އަންދަލުސުގެ ޝާޢިރުންނާއި އަދީބުންނާއި ފަށުވި ފަންނުތަކުގެ މާހިރުންނެވެ. އެބައިމީހުން ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ދަސްކޮށްފައިވާ މަސައްކަތަކީ ނޭކަށޭނަ ވެރީންނަށް ސަނާކިޔުމެވެ. އެހެންކަމުން އެމީހުން ކަންބޮޑުވަނީ މުރާބިޠީނުން އަންދަލުސުގައި ފައިހަރުކޮށްލައިފިނަމަ އެބައިމީހުންގެ ހާލު ދެކެލާނެ ބަޔަކު ނުތިބޭނެތީއެވެ. ބަނޑުފުރާނަ މުއްތިކުރާނެ ވަސީލަތެއް ނޯންނާނެތީއެވެ.
އަންދަލުސުގެ ފުރަދާނައިންނާއި ކަމުވޮށީންގެ މޭފުޅުތައްވެސް ހުންނަނީ ތެޅިތެޅިއެވެ. މުލޫކުއްޠަވާއިފުންގެ އިރުއޮއްސިއްޖެނަމަ އެބަޔެއްގެ އަތްމައްޗަށް ބާރުލިބޭ ބަޔަކު އެބޭފުޅުން ލަފުގައި ހިފައިފައި ވެރިކަމުގެ ގޮނޑިގޮނޑީން ބާލައިފާނެތީއެވެ. މިއިން އެއްވެސް ބަޔަކީ ތިމާމެންގެ ވެރިކަމާއި މުއްސަނދިކަން ބީވެގެން އަންދަލުސަށް ލިބޭ މިނިވަންކަމަކަށްވެސް ތަނަވަސްކަމާއި ތިޔާގިކަމަކަށްވެސް ބޭނުންވާ ބައެއް ނޫނެވެ.
أميــر يـوسف ގެންދެވީ ކޮންމެ ދުވަހަކުވެސް އެމަނިކުފާނުގެ ސިފައިންގެ ގެމަތަކެއް އަންދަލުސުން ބާލުއްވައި މުރާކިޝަށް ފޮނުއްވަމުންނެވެ. ހަފުތާއެއްހައި ދުވަހުގެ ތެރޭގައިވަނީ މުރާކިޝްގެ ދިހަހާސް ސިފައިން އިޝްބީލިއްޔާއިން ފުރައިފައެވެ. އެކަމަކުވެސް މުލޫކުއްޠަވާއިފުންގެ މޭފުޅު ކެރުމަކަށް ބަދަލެއް ނާދެއެވެ. އަންދަލުސުގެ އެކިރަށްރަށުން އާއްމުންގެ ވަފުދުތައް أميـر يـوسف ގެ އަރިހަށް ބައިބަޔަށް އަންނަ މަންޒަރު އެބޭފުޅުންނަށް ފެނިވަޑައިގަންނަވައެވެ. އެހެންކަމުން أميــر يـوسف އަންދަލުސަށް ވެރިވެވަޑައިގަންނަވާން ބޭނުންފުޅުވެއްޖެނަމަ މާގިނަ ސިފައިންނަކަށް ބޭނުންފުޅެއް ނުވާނެކަން އެބޭފުޅުންނަށް ވިސްނިވަޑައިގަންނަވައެވެ. أميــر يـوسف ކިރިޔަކިރިޔާ ހަނިހަންޏެއް ކޮށްލެއްވިޔަސް ރައްޔިތުން އެބޭފުޅުންގެ ތަޚުތު އެކޮޅުކޮޅުން ޖަހައިލާނެކަން އެނގިވަޑައިގަންނަވައެވެ.
މުލޫކުއްޠަވާއިފުންގެ ތެރެއިން އެންމެ ބޮޑަށް ފިކުރުފުޅު ބޮޑުވެވަޑައިގެން އުޅުއްވަނީ معـتـمـد އެވެ. އޭނާ ހީފުޅުކުރައްވައިގެން ހުންނެވީ މުރާބިޠީނުން އަލްފާންސޫ ބަލިކޮށްލެއްވުމަށްފަހު އަންދަލުސުގެ ދެންތިއްބެވި ރަސްކަލުންނަށް އޭނާގެ ޤިޔާދަތު ގަބޫލުކުރައްވަން މަޖުބޫރު ކުރައްވާނެ ކަމުގައެވެ. އެކަމަކު އޭނާގެ އެދުންފުޅެއް ނުފުދެއެވެ.
معـتـمـد ވަރަށްގިނަ އަގުބޮޑު ހަދިޔާތަކެއް أميـر يـوسف ގެ އަރިހަށް ހުށަހަޅުއްވައިފައި އޭނާއަށް ތާއީދުކުރެއްވުމުގެ ގޮތުން އުޑާއި ބިން އެއްކުރެއްވުމަށްފަހު ނުސީދާގޮތުން އޭނާގެ ޒަމީރުގެ އަޑުފުޅު އިއްވެވިއެވެ. أميـر يـوسف އޭގެ ޖަވާބުގައި ވިދާޅުވިއެވެ. "މަނިކުފާނުގެ ހަދިޔާތައް އަނބުރައި ގެންދަވާ! އަންދަލުސުގެ މުލޫކުއްޠަވާއިފުންގެ ތެރެއިން މަލާއިކަތަކީ ކޮބައިކަމެއް ޝައިޠާނަކީ ކޮބައިކަމެއް އަދިއެއް އަޅުގަނޑަކަށް ދަނެއެއް ނުގަނެވޭ. އަންދަލުސުގެ އެތެރޭގެ މުޢާމަލާތަކާ ނުބެހުމަށާއި ވަކިފަރާތަކަށް ނުޖެހުމަށް އަޅުގަނޑު ޢަހުދުވެފައި ނުވާނަމަ އަޅުގަނޑުގެ އެންމެ އިސްވާޖިބަކަށް ހެދީހީ ޠަވާއިފުލްމުލޫކިއްޔަތުގެ ނުބައިކަމުން އަންދަލުސު ސަލާމަތްކުރުން. ތިމާމެންގެ ކާބަފައިންގެ ކަށިތަކުގެ މަތީގައި ޢައްޔާޝީ ހާލިތައް ހަދައިގެންތިބި މީހުންނަށް އަޅުގަނޑު މިކުރި މަސައްކަތުންވެސް އެއްވެސް މަންފާއެއް ކުރިކަމަކަށް ނުފެނޭ. އަޅުގަނޑުގެ ރަޙުމަތްތެރިކަންވެސް ދުޝްމިނުކަންވެސް އޮންނާނީ ހަމައެކަނި މާތް اللّـه އަށްޓަކައި. އަޅުގަނޑު މިރަށަށް މިއައީ އަންދަލުސުގެ ކުދިކުދި ފިރުޢައުނުތަކުގެ ތެރެއިން ބޮޑު ފިރުޢައުނަކު ހޮވައިފައި އެހެނިހެން ފިރުޢައުނުތަކުގެ ކޮނޑަށް ސަވާރު ކުރުވާކަށެއް ނޫން."
އެބައްދަލުކުރެއްވުމަށްފަހު معـتـمـد ގެ ބިރުފުޅާއި ކަންބޮޑުވެވަޑައިގެންނެވުން ވަނީ މޮޔަފުޅުކަމުގެ ހައްދަށްގޮސްފައެވެ. އާއްމުގޮތެއްގައިވެސް معـتـمـد އަކީ ވަރަށް ޖަޒުބާތީ ބޭފުޅެކެވެ. އަންދަލުސުގެ ދެންތިއްބެވި ރަސްރަސްކަލުންނަކީ އޭނާއަށް ހެޔޮއެދިވަޑައިގަންނަވާ އިޚުލާޞްތެރީން ކަމުގައި ބައްލަވައިގެން އޭނާ އެބޭފުޅުންގެ އަރިހުގައި أميـر يـوسف އަށް ހެއްދެވި ނެހެއްދެވިއަށް ވިދާޅުވާން ފައްޓަވައިފިއެވެ. މުލޫކުއްޠަވާއިފުން معـتـمـد އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ކަމުގައި ހެދިވަޑައިގެން އޭނާގެ ވާހަކަފުޅުތައް އަޑުއައްސަވަމުން ގެންދެވިއެވެ. އިތުރަށް ކޮންނަވައި ފަސްގިނަކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު އެބޭފުޅުން އެވާހަކަފުޅުތައް أميـر يـوسف ގެ ކަންފަތްޕުޅަށް އަރުއްވަމުން ގެންދެވިއެވެ. أميـر يـوسف އާއި أميـر معـتـمـد އާ ދެބޭފުޅުންގެ މެދުގައި ނަފުރަތުގެ ފާރެއް ރޭނުއްވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އަލްމަރިއްޔާގެ ވެރިޔާ أميـر مـعــتــصـم އެވެ.
* * * * * * * * * * *
أميـر يـوسف بــن تـاشـفـيـن ޙަޔާތުގެ އަދަބުތައް ދަސްފުޅުކުރެއްވީ ކަނޑިތަކުގެ ވިދުވަރާއި ތީރުތަކުގެ ވައިކެފޭ އަޑުގެ ތެރެއިންނެވެ. އެހެންކަމުން މުލޫކުއްޠަވާއިފުންގެ ދެއްކުންތެރިކަމާއި މުނާފިޤުކަމަކީ އެމަނިކުފާނަށް ބަރުދާސްތު ކުރެއްވޭކަހަލަ ކަމަކަށް ނުވެއެވެ. أميـر يـوسف އިޝްބީލިއްޔާގައި މަޑުކުރެއްވީ ހަމައެކަނި ރަމަޟާންމަސް ހޭދަކުރެއްވުމަށްޓަކައެވެ. އެކަމަކު ޢީދު އަންނާން ހައެއްކަދުވަހަށް ވީތަނާ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހިތާމަވެރި ޚަބަރަކީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަވަހާރަވީ ޚަބަރެވެ. أميـر يـوسف އަންދަލުސަށް ފުރައިވަޑައިގެންނެވީ އެދަރިކަލުން އާލާސްކަންފުޅާ އޮންނަވަނިކޮށް ސަބުތާއަށް ދޫކޮށްލައްވައިފައެވެ. އެޚަބަރު ލިބިވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އިޝްބީލިއްޔާގެ މީހުންނަށް އިވުނީ أميـر يـوسف ހަމަ އެދުވަހު ފުރައިވަޑައިގަންނަވާ ވާހަކައެވެ.
أميـر يـوسف ދަތުރުފުޅަށް ތައްޔާރުވެވަޑައިގެންނެވުމަށްފަހު سعد بــن عبــدالمنـعـــم ބަލައިފޮނުއްވައިގެން އެމަނިކުފާނުގެ ފޭލިގެކޮޅަށް ގެންދަވައިފިއެވެ. أميـر يـوسف ވިދާޅުވިއެވެ. "سعد! ކަލާގެ ބައްޕާފުޅާއި ކޮއްކޯފުޅުމެން ގޮވައިގެން ގެޔަށް ވަޑައިގަންނަވާ!"
سعد ހިތާމަވެރި ލަހެޖާއަކުން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ގެ ހުންނަނީ ޣަރުނާޠާއަކު ނޫން. އަޅުގަނޑުމެން އެރަށުގައި މިތިބެނީ ޤުރުޠުބާގައި ނުތިބެވިގެން. ޤުރުޠުބާގައި ހުރި އަޅުގަނޑުމެންގެ ގެ އާބާދުކުރުމަށްޓަކައި އަޅުގަނޑުމެން ޖެހޭނީ ކޮންމެވެސް އެހެން ދުވަހަކަށް އިންތިޒާރުކުރަން."
أميـر يـوسف ލޯބިފުޅުން سعد ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ރަޙުމަތްތެރިޔާ! މާޔޫސްވެވަޑައިނުގަންނަވާ! މާތް اللّـه ގެ ރަޙުމަތްފުޅާއެކު ޤުރުޠުބާގައިހުރި ކަލާގެ ގެ އާބާދުވާނެކަން ކަށަވަރު! އަޅުގަނޑު އަދި އަންނާނަން. އަޅުގަނޑު ދެން އަންނާނީ އަޅުގަނޑުގެ އަމިއްލަ ޝަރުޠުތަކާއެކު. ކަލާގެ ބައްޕާފުޅުގެ ވާހަކަފުޅުތައް އަބަދުވެސް އަޅުގަނޑުގެ ކަންފަތުގައި ގުގުމަމުންދާނެ!"
سعد ގެ ހިތްޕުޅު އުންމީދުން ފުރުމާއެކު ވިދާޅުވިއެވެ. "މަނިކުފާނު ވަޑައިގަންނަވާނެކަން އަޅުގަނޑަށް ޔަގީން. މިއީ ހަމައެކަނި އަޅުގަނޑުގެ ޔަގީންކަމެއް ނޫން. އަންދަލުސުގެ އެތަކެއް ލައްކަ މުސްލިމުންގެ ޙަޔާތުގެ އެންމެބޮޑު އުންމީދު."
أميـر يـوسف، سعد އާ އިރުކޮޅަކު ވާހަކަ ދެއްކެވުމަށްފަހު އެމަނިކުފާނުގެ ފޭލިގެކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އިޝްބީލިއްޔާގެ ރައްޔިތުން އަންނަނީ އެމަނިކުފާނަށް އަލްވަދާޢު ދަންނަވައި ދަތުރުފުޅު އެރެހެއްޓުމަށްޓަކައި ޖަމާވަމުންނެވެ. މުލޫކުއްޠަވާއިފުންގެ ޖަމާޢަތް އެއްފަރާތެއްގައި ހުއްޓިވަޑައިގެން ތިއްބެވިއެވެ. އަންދަލުސުގެ ޢިލްމުވެރީން އެބޭފުޅުންނާ ވަކީން އެއްފަރާތެއްގައި ތިއްބެވިއެވެ. ސިފައިން ވަނީ އާއްމުން ތަންކޮޅެއް ދުރުގައި މަޑުކުރުވައިފައެވެ. أميـر يـوسف އެންމެފުރަތަމަ ވަޑައިގެންނެވީ ޢިލްމުވެރީންގެ އަރިހަށެވެ. أميـر يـوسف އެބޭކަލުންނާ ވަކިވަކީން މުސާފަޙާ ކުރެއްވިއެވެ. އެއަށްފަހު ވަރަށްބާރަށް ހިންގަވައިފައި ވަޑައިގެން އެއްވެފައިތިބި މީހުންގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. ކުޑަކުދީންނާއި ޒުވާނުންނާއި މުސްކުޅީންގެ މޫނުމަތީން ފާޅުވޭވެހުރީ އެއުރެންގެ މުހުސިނުގެ ދަރިކަލުން އަވަހާރަވުމުގެ ހިތާމައިގައި ހިތުގެ އަޑީން ބައިވެރިވާކަމެވެ.
سيـر بــن أبى بـكـر ހުންނެވީ އެއްފަރާތެއްގައި سعد އާއި އޭނާގެ ކޮއްކޮމެންނާ ވާހަކަ ދައްކަވާށެވެ. ކުއްލިޔަކަށް އޭނާގެ ހިތްޕުޅަށް އައި ޚިޔާލުފުޅަކުން ބާރަށް ހިންގަވައިފައި ވަޑައިގެންނެވީ މުލޫކުއްޠަވާއިފުންގެ އަރިހަށެވެ. އޭނާ އިރުކޮޅަކުން އެނބުރި سعد މެންގެ އަރިހަށް ވަޑައިގެންނެވީ ޣަރުނާޠާގެ أميـر عبداللّـه ގޮވައިގެންނެވެ.
سيـر بــن أبى بـكـر ވަޑައިގެން سعد ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ޣަރުނާޠާގެ أميـر އާ ދިމާއަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނުގެ އަރިހުގައި ވާހަކައެއް ދަންނަވަން ބޭނުން. މިހުންނެވި سعد އަކީ އަޅުގަނޑުގެ ގާތް ރަޙުމަތްތެރިޔެއް. އަޅުގަނޑުގެ އަޚެއް. އޭނާ މިވަގުތު ދިރިއުޅުއްވަނީ ޣަރުނާޠާގައި. އަޅުގަނޑު ވަރަށް ސަރީޙަކޮށް ދަންނަވަން ބޭނުން. ފަހަރެއްގައިވެސް އޭނާއާމެދު ނުވަތަ އޭނާގެ ތިމާގެފުޅު ބޭފުޅަކާމެދު ނުވަތަ ރަޙުމަތްތެރިޔަކާމެދު މަނިކުފާނުގެ ހިތްޕުޅުގައި ނުރަނގަޅު ޚިޔާލުފުޅެއް އުފެދިއްޖެނަމަ ވިސްނައިވަޑައިގަންނަވާތި! އަޅުގަނޑުގެ އަމިއްލަ ނަފުސަށްވުރެ މާބޮޑަށް އަޅުގަނޑު سعد ދެކެ ލޯބިވޭ!"
أميـر عبداللّـه ވިދާޅުވިއެވެ. "މިއީ މަނިކުފާނުގެ ރަޙުމަތްތެރިޔެއް ކަމުގައިވާނަމަ އޭނާއަށް އަޅުގަނޑު ފެނިވަޑައިގަންނަވާނީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައި."
سيـر بــن أبى بـكـر ވިދާޅުވިއެވެ. "ރަޙުމަތްތެރިޔާ" މި ލަފުޒަކީ އަންދަލުސުގައި ވަރަށް ބަދުނާމުވެފައިވާ ލަފުޒެއް. އަޅުގަނޑު ބޭނުންވަނީ މަނިކުފާނުގެ ނުނިޔަތްލެއްވުމުންނާއި ނުބައިކަމުން އޭނާ ސަލާމަތްކުރަން."
أميـر عبداللّـه ލޭގެ ކޯވަރެއް ހިއްޕަވައިލެއްވެވިއެވެ.
أميـر يـوسف އެއްވެފައިތިބި މީހުނާ އިރުކޮޅަކު ވާހަކަފުޅު ދެއްކެވުމަށްފަހު ވަޑައިގެންނެވީ މުލޫކުއްޠަވާއިފުންގެ އަރިހަށެވެ. އެބޭފުޅުންނާ ރަސްމީ ވާހަކަކޮޅެއް ދައްކަވައިލެއްވުމަށްފަހު އޭނާގެ އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.
އަންދަލުސުގެ އާއްމުން އެބައިމީހުންގެ މުހުސިނަށް ކަރުނަޔާއެކު އަލްވަދާޢު ދަންނަވަމުން ގެންދިޔައިރު މަލަކާ ރަމީކިއްޔާ ގެންދެވީ އޭނާގެ ގަނޑުވަރުގައި އުފާފާޅުކުރެއްވުމުގެ ޙަފުލާއެއް ބާއްވަވަން ތައްޔާރު ކުރައްވަމުންނެވެ.
* * * * * * * * * * *
މެންދުރު ވަގުތެވެ. سـكيـنـة އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާ އޮންނެވީ އޭނާގެ އެނދުގައި އޮށޯވެވަޑައިގެންނެވެ. طـاهـــرة އޭނާގެ އިސްތަށިފުޅު މޮޑެދެއްވަނީއެވެ. ميـمــونـة އޭނާގެ އެނދުކައިރީގައިހުރި ގޮނޑިއެއްގައި އިންނަވައި އޭނާއަށް ފޮތެއް ވިދާޅުވެދެއްވަނީއެވެ.
ގޭގެ ބޭރުން އަސްތަކެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. އިރުކޮޅެއްގެފަހުން ޚާދިމާއެއް އެކޮޓަރިތެރެއަށް ބޯދީ ބަލައިލައިފައި ބުނެލިއެވެ. "އެބޭފުޅުން ވަޑައިގެންފި. ބަރަކާތްހުރި!"
سـكيـنـة ގެ މިލައިލައިފައިވާ މޫނުފުޅު ކުއްލިޔަކަށް އުފާފުޅުން ވިދައިގަތެވެ. އޭނާ ތެދުވެވަޑައިގެން އިށީނދެވަޑައިގެންފިއެވެ.
طـاهـــرة ވިދާޅުވިއެވެ. "މަންމަ އޮށޯވެވަޑައިގަންނަވާ!"
"މަންމަ މުޅިން ރަނގަޅު. ދަރިފުޅާ!"
عبــدالمنـعـــم އޭނާގެ ބޭފުޅުންނާއެކު ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. طـاهـــرة އާއި ميـمــونـة އާ ދެބޭފުޅުން عبــدالمنـعـــم އާ ސަލާމްކުރައްވައިފައި އެއްފަރާތަކަށް ޖެހިވަޑައިގެންފިއެވެ. عبــدالمنـعـــم އާއި އޭނާގެ ބޭފުޅުން ގޮނޑިތަކެއް ކައިރިކޮށްލައްވައިފައި އިށީނދެވަޑައިގެންފިއެވެ. އެތަކެއް އަހަރެއްގެފަހުން سـكيـنـة އަށް އެފެނިވަޑައިގަންނަވަނީ އޭނާގެ ގޭގެ ފުރިހަމަ އުޖާލާކަމެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު