ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ދޭން ހުށަހަޅާނެ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. މިވެކްސިން ޖަހަމުން އައީ 16 އަހަރާއި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށާއި 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑުން ދިފާއުވުމަށް ޖަހަން ފަށާފައިވާ އެއްވެސް ވެކްސިނެއް މާބަނޑު މީހުންނަށް ދީފައެއް ނުވެ އެވެ.

ނަމަވެސް މިފަހަކަށް އައިސް މާބަނޑު މީހުން ޕޮޒިޓިވް ވާ ރޭޓް ކަންބޮޑުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ. އަދި މީގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެސް އެޗްއީއޯސީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގައި މިހާތަނަށް އާންމުކޮށް ދެމުން އައީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފާމް ވެކްސިނެވެ. ނަމަވެސް ދުރާލައި އެޕޮއިންޓްމަންޓް ހަދައިގެން ވަކި އުމުރުފުރާތަކަށް ދިޔައީ ފައިޒާ ވެކްސިން ޖަހަމުންނެވެ.