ހިބަރު މަސްވެރިކަމުގައި ދެ ފޫޓު ހަމަ ނުވާ ހިބަރު ބޭނުން މަނާކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު "ހިބަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގައިވާ" ގޮތުން ހިބަރުގެ ތިރީ ތުންގަނޑު ފެށޭ ހިސާބުުން ނިގޫފަތްގަނޑު ދެކަފިވާ ހިސާބަށް 60 ސެންޓި މީޓަރު ނުހުންނަ ހިބަރު ބޭނުމަކީ މަނާ ކަމެކެވެ.

މި ގަވާއިދު ބުނާ ގޮތުން ހިބަރުގެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، ވިޔަފާރީގެ ބޭނުމަށް ހިބަރުގެ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި ވިޔަފާރީގެ ނުވަތަ އެކްސްޕޯޓް ކުރުމަށް ހިބަރު ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލައިންސަންސް ނަގަން ލާޒިމް ވާނެ އެވެ.

އެކްސްޕޯޓުކުރުން ފިޔަވައި އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވިއްކާ އަދި އެތެރޭގެ ބާޒާރުތަކުގައި ހިބަރު މަސް ވިއްކުމަށް ބާނާ ފަރާތްތަކުން ދުވާލެއްގެ މައްޗަށް 200 ކިލޯއަށް ވުރެ މަދުން ބާނާ ނަމަ ލައިސެންސް ނަގާކަށް ނުޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ. އަދި ހިބަރުގެ މަސް ގަންނަން ރެސްޓޯރެންޓު ހޮޓާ ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހާއްސަ ލައިސަންސެއް ނަގަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވެ އެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ގަވާއިދުގައި 60 ސެންޓި މީޓަރު ހަމަ ނުވާ ހިބަރު ބޭނުން މަނާކުރި ކަމުގައި ވީ ނަމަވެސް މަސްވެރިކަމުގައި އުޅޭއިރު މި ސައިޒުގެ ހިބަރެއް ބޭނިއްޖެ ނަމަ ޖޫރިމަނާއެއް ނުކުރާނެ އެވެ.