ޗެލްސީގައި ތިބި ވަކިވަކި ކުޅުންތެރިން ގައިގައި ނިދިނަގާލާނެ ފެންވަރު ނެތް ނަމަވެސް، ޓީމު އެއްކޮށް ފެނުމުން ނިދިނަގައި ލެވިއްޖެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެ ޗެލްސީގެ އިނގިރޭސި މިޑިފީލްޑަރު މޭސަން މައުންޓް، ޖަރުމަނުގެ ޓޯނީ ކްރޫސްއަށް ބަހުގެ ހަމަލާއެއް އަމާޒު ކޮށްލައިފިއެވެ.

ތާރީހީ ސެމީ ފައިނަލަކާއެކު ނުވަ އަހަރަށްފަހު ޗެލްސީން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ދަތުރު ކޮށްފައެވެ. ރޭ ރެއާލް މެޑްރިޑް ބަލިކޮށް ޗެލްސީން މިމަހު 28 ވަނަ ދުވަހު ތުރުކީގެ އިސްތާމްބޫލްގައި އޮންނަ ފައިނަލުން ޖާގަ ހޯދާފައިވާއިރު، މެޗުގެ ކުރިން ކްރޫސް ދެއްކި ވާހަކަތަކަށް މައުންޓް ވަނީ މެޗަށްފަހު ރައްދެއް ދީފައެވެ.

މެޗުގެ ކުރިން ކްރޫސް ބުނެފައި ވަނީ ފުޓުބޯޅަ ކެރިއަރުގައި ހޭދަވި 15 އަހަރު ދުވަހުގެ ތެރޭގައިވެސް އިދިކޮޅު ޓީމަކަށް އޭނާ ނިދިނަގައިލެވޭނެ ފެންވަރުގެ މަޔޫސްކަމެއް ކުރިމަތިކުރެވިފައި ނުވާ ކަމަށެވެ. އެކަމަށް ރައްދު ދެމުން މައުންޓް ވަނީ ނޫން ގޮތަކަށް ކްރޫސްއަށް ބަހެއް އެއްލާފައެވެ.

"އަހަންނަށް ފެނުނު މެޗުގެ ކުރިން ރެއާލްގެ ކުޅުންތެރިޔަކު ބުނި ބަހެއް. އެއީ ވަކި ކުޅުންތެރިޔަކާ ހެދި ކެރިއަރުގައި ނިދި ނަގައިލެވުނު މާޔޫސްކަމެއް ކުރިމަތި ނުވާކަމަށް ބުނެފައިވާ ވާހަކައެއް. އުންމީދުކުރަން ޓީމެއްގެ ގޮތުގައި ޗެލްސީ ފެނުމުން އެފަދަ ގޮތަކަށް ނިދި ނަގައިލެވުނު ކަމަށް. ޗެލްސީން ދައްކަނީ ހިތްވަރު. ހިތާއި ރޫހުން މިކުޅެނީ،" މައުންޓް ބުނެފައިވެއެވެ.

ރޭގެ މެޗު ޗެލްސީން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެގްރިގޭޓުން އެޓީމަށް ކުރި ލިބެނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލުގައި ޗެލްސީ ވާދަކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާ އެވެ. އެއީ ސިޓީގެ ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. ޗެލްސީން 2011-12 ވަނަ އަހަރުގެ ސީޒަންގައި ޗެމްޕިއަންސް ލީގު އުފުލައިލި ނަމަވެސް، އޭގެ ފަހުން އެޓީމަށް ފައިނަލަށް ދެވުނީ މިއަހަރުއެވެ.