ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން އިން 31 މީހަކަށް ބަލި ޖެހި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވެކްސިން ޖެހި މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 2.3 އިންސައްތަ މީހުން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑްގެ ފުރަތަމަ ޑޯޒް ޖެހި 93 މީހަކަށް ފަރުވާދެމުން އަންނައިރު ދެވަނަ ޑޯޒް ޖެހި 31 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
"ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 160 މީހުންގެ ތެރެއިން 91 ފަރާތަކީ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތައް. އަދި 30 މީހަކީ ދެވަނަ ޑޯޒް ޖަހާފައިވާ ފަރާތްތައް. ދެން 69 ފަރާތަކީ ވެކްސިން ނުޖަހާ ފަރާތްތައް. ޑީއެޗް 11 ގެ ހާލަތަކީ އެޑްމިޓްކޮށްފައިވާ 8 ފަރާތުގެ ތެރެއިން ދެ ފަރާތަކީ ފުރަތަމަ ޑޯޒް ހަމަކޮށްފައިވާ ފަރާތްތައް. އެއް ފަރާތެއް މިވަނީ ދެ ޑޯޒް ހަމަކޮށްފައި، ދެން ހަ ފަރާތެއް ވެކްސިން ނުޖަހާ" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުން ބޮޑު ރައްކާތެރިކަމެއް ލިބެއެވެ. އެގޮތުން ވެކްސިން ޖަހާފައިވާ މީހުންނަށް 70 އިންސައްތައާ ހަމައަށް ރައްކާތެރިކަން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިން ލައްކައެއްހާ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ވަނީ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ޖަހާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު