ކޮވިޑަށް ޕޮޒިޓިވް މާބަނޑު ހަތަރު މީހަކަށް ދަރުވަމަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެކަކުގެ ހާލު ސީރިއަސް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އައިޖީއެމްއެޗުގެ ކޮންސަލްޓެންޓް ސަބްސްޕެޝިއާލިޓީ އިން ޕެޑިއާޓެރިކް ކާޑިއޮލޮޖީގެ ފަރާތުން ޑރ. އައިޝަތު އެލީނާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް މާބަނޑު މީހުން އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ދަރުވަމަންތަ ހޮސްޕިޓަލުގައި އެކަނިވެސް އެފަދަ ހަތަރު މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ދަރުމަވަންތަ 11ގައި އެއް ޕޭޝަންޓް ސީރިއަސް ކަންޑިޝަންގައި އޮތް. ދެން ދަރުމަވަންތަ 16ގައި ދެ ޕޭޝަންޓުން ޑެލިވާޑް، ބޭބީސް ރަނގަޅު. މަންމަވެސް ހަމަ ސްޓޭބަލް. ދެން އަދި އެއް ޕޭޝަންޓުން އެބައޮތް ޑެލިވާ ނުކުރާ. އެހެންކަމުން ޓޯޓަލް 4 ޕޭޝަންޓުން،" ޑރ. އެލީނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެލީނާ ވިދާޅުވީ، ކުޑަކުދިންނަށް ޖެހުމަށް ހާއްސަ ވެކްސިނެއް ނެތް އިރު، އެކުދިންގެ ކަންކަންވެސް ގާތުން ބަލަން ޖެހޭ ކަމަށެވެ.
ރާއްޖެއިން މިއަދު 734 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 540 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރައިފައެވެ. އަދި ހޮސްޕިޓަލުތަކުން 198 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު