މިދިޔަ މަހުގެ ކޮވިޑް ކޭސްތަކަށް ވުރެ މިމަހުގެ ކޭސްތައް އިތުރުވެދާނެ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ފެބްރުއަރީ މަހުން ފެށިގެން ކޮވިޑްގެ ކޭސްތައް މަތިވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ ކޭސްތަކަށް ވުރެ މިމަހުގެ ކޭސްތައް ގިނަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
"ވީކްލީ ކޭސްތައް އިތުރުވަމުންދާތަން މި ފެންނަނީ. މޭ މަހުގައި އަދި އެންމެ ފަސް ދުވަހުގެ ޑޭޓާ މިހުރީ. ހަގީގަތުގައި އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ގޮތަކީ މިމަހުގެ ކޭސްތައް އޭޕްރީލް މަހުގެ ކޭސްތަކަށް ވުރެ ގިނަވެގެންދާނެ ކަމަށް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވްވަނީ 18 އަހަރާއި 48 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.
ކޮވިޑް ވެކްސިނުން ބޮޑު ރައްކާތެރިކަމެއް ލިބޭކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލިވެފައިވަނީ ވަރަށް މަދު މީހެއް ކަމަށެވެ. އެގޮތުން ވެކްސިން ޖެހި މީހުންގެ ތެރެއިން ބަލިވެފައިވަނީ 2.3 އިންސައްތަ މީހުން ކަމަށް ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ކޮވިޑުގެ ކޭސްތައް ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި މިމަހުގެ މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު