ކޮވިޑް-19ގެ ހަތަރު ވަނަ ރާޅެއް ރާއްޖެއަށް ކުރިމަތިވެފައިވާތީ، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތްތައް ފުޅާކުރެއްވުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިސްކޮށް ތިއްބަވައިގެން ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީ (އެޗްއީސީސީ)ގެ ބައްދަލުވުންތައް ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވައިގެން، ދުވާލަކު އެއް ފަހަރު ޕޮލިސީ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އޮންލައިންކޮށް ބާއްވާ އެ ބައްދަލުވުންތަކުގައި އެޗްއީސީސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ރާއްޖޭގެ ކޮވިޑުގެ ނަންބަރުތައް ރެކޯޑު އަދަދަކަށް އިތުރުވެފައިވާ އިރު، އިއްޔެ އެކަނިވެސް ރާއްޖެއިން 601 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިވަގުތު 181 މީހަކަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާދެމުންނެވެ.
ހާއްސަކޮށް ވެރި ރަށް މާލޭގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ގިނަ ހިދުމަތްތެރިން ބައްޔަށް ޕޮޒިޓިވްވެ ހިދުމަތް ދިނުމަށް ދަތިތައް ދިމާވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު