ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް އެ ހިދުމަތްތައް ފަހިކޮށްދެއްވޭނެ އިންތިޒާމު، ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސުމަށް ސަމާލުކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވެފައިވާ އިރު، މާލެ އާއި އަތޮޅުތަކުގައި އެ ބަލީގެ މީހުން އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ހޮސްޕިޓަލްތަކުގެ އެނދުތައް ފުރެމުންދާ މި ދަނޑިވަޅުގައި މާބަނޑު މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލުން ހިދުމަތް ހޯދަންޖެހޭ ފަރާތްތަކަށް އެ ހިދުމަތްތައް ފަހިކޮށްދެއްވޭނެ އިންތިޒާމު، ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސެވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި މި ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކަށް ތަބާވެ އެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަންގާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށްވެސް އިލްތިމާސްކުރިއެވެ.