މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑް ކޮމް)ގެ މެމްބަރުކަމުގެ މަގާމަށް، ގ. މަސްއޮޑިގެ/ ޝިފްލާ އިބްރާހީމް މިއަދު އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، ޝިފްލާ އެ މަގާމަށް އައްޔަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޭނާއަށް މަގާމުގެ ލިޔުން މިއަދު ހަވާލު ކުރައްވާފައިވާ ކަމަށެވެ.

ޝިފްލާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާސް އޮފް އާޓްސް އިން ޖާނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ.

ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑިވްސްގެ އެނައުންސަރު ޓްރެއިނީއެއްގެ ގޮތުގައެވެ. ބްރޯޑް ކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރައްވަންދެން ޝިފްލާ މަސައްކަތް ކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރެއްގެ ގޮތުގައެވެ.