ނެޝަނަލް ޑްރަގް އެޖެންސީ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތަށް ބަދަލު ކުރައްވައިފިއެވެ.
މިއަދާ ހަމައަށް ނެޝަނަލް ޑްރަގް އެޖެންސީ ހިނގަމުން އައީ، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ އޮފީހުން މިއަދު ބުނީ، ގާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 26 މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.
ފަހުރުވެރި ދިވެހި އާއިލާއެއް ދިވެހި އެންމެހައި ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން މި ބަދަލު ގެނަސްފައިވާއިރު، ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް އެދެވޭގޮތެއްގައި ކުރިއަށް ނުދާކަން ފާހަގަ ކުރައްވައި އެތަނުގެ މަސައްކަތްތައް ރަނގަޅު ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ގޮނަ ރެކަމެންޑޭޝަން ތަކެއް ސަރުކާރަށް ހުށަހަޅައިފައެވެ.
އޭގެ ތެރޭގައި އެ އެޖްސީ ހިންގުމަށް ބޮޑެތި ބަދަލު ތަކެެއް ގެނައުމުން ފެށިގެން އެޖެންސީން ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް ބަދަލު ގެނައުން ވެސް ހިމެނެއެވެ.
ނެޝަނަލް ޑްރަގް އެޖެންސީ
ނެޝަނަލް ޑްރަގް އެޖެންސީ