ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ ޕިއާ މެންޓާގެ ވަޒީފާ އަދާކުރަމުންދިޔަ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، (51އ)ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނީ ފަސީހު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކުރީ އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް ޑްރަގުދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކަމަށެވެ.

ފުލުހުން މިރޭ ބުނީ ފަސީހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.