ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ ޕިއާ މެންޓާގެ ވަޒީފާ އަދާކުރަމުންދިޔަ ސ. ފޭދޫ، ފްލޮރިޑާ، މުހައްމަދު ފަސީހު، (51އ)ގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

އެންޑީއޭ އިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް ޑްރަގުދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ފަސީހު، ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ޖެހިގެންއައި ދުވަހު ފަސީހުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައެވެ.

އެ މުއްދަތު ހަމަވާތީ މިދިޔަ ޑިސެމްބަރުމަހު އޭނާގެ ބަންދު ޖަހައިދިނުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެ 30 ދުވަހުގެ މުއްދަތު ހަމަވާތީ މިއަދު އޭނާގެ ބަންދު ޖަހައިދިނުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފަސީހަކީ، މަސްތުވާތަކެތީގެ އެޑިކްޝަންއިން ސަލާމަތްވުމަށް ފަރުވާ ހޯދުމަށްފަހު ރިކަވަރީގައި ހުރި މީހެކެވެ.

އެންޑީއޭގައި، ފަސީހުގެ ވަޒީފާއަކީ ފަރުވާ ހޯދާ މީހުން ރަނގަޅު ކުރުމަށް މޯޓިވޭޓް ކުރުމެވެ.