ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުމުގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މީހަކު އައްޔަންކުރުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އެޖެންސީން މިއަދު ހުޅުވާލައިފިއެވެ.

އެންޑީއޭއިން ކުރި އިއުލާނެއްގައި ބުނީ، ސީއީއޯގެ މަގާމަށް ޝައުގުވެރިވާ ތައުލީމީ އަދި ތަޖުރިބާހުރި ފަރާތްތަކުން މިއަންނަ ޖުލައި މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ މަގާމަކީ ފަސް އަހަރުގެ މުއްދަތަށް އައްޔަންކުރާ މަގާމެކެވެ. ކުރިން އެ މަގާމުގެ މުއްދަތަކީ ތިން އަހަރު ނަމަވެސް، ފަހުން ގެނައި ބަދަލުތަކާއެކު މިހާރު ވަނީ ފަސް އަހަރަށް މުއްދަތު އިތުރުކޮށްފައެވެ.

އެންޑީއޭއިން ބުނީ އެ އިދާރާގެ ސީއީއޯގެ މަގާމަށް ހޮވޭ މީހަކަށް މުސާރައިގެ ގޮތުގައި 23,935 ރުފިޔާ އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 28,095 ރުފިޔާ ލިބޭނެކަމަށެވެ. އެހެންކަމުން މަހެއްގެ މައްޗަށް ޖުމްލަ 52,030 ރުފިޔާ ލިބޭނެއެވެ.

ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ބިޒްނަސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއިން މާސްޓާސް ޑިގްރީއެއް އޮތުމާއެކު ސީނިއާ މެނޭޖްމަންޓްގައި މަދުވެގެން ދެ އަހަރު އުޅެފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް އިއުލާނުގައި ބުންޏެވެ.

އިއުލާނުގައި ބުނީ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ފުރަތަމަ ޑިގްރީ އޮންނަ ފަރާތެއް ނަމަ، ސީނިއާ މެނޭޖްމަންޓްގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އިސްލާމީ ޝަރީއަތުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަސްތުވާތަކެއްޗާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކުގެ ރެކޯޑެއް އޮވެގެން ނުވާނެއެވެ.

އެ މަގާމަށް މީހަކު ހޯދަނީ ކުރިން އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ އެޖެންސީ ވަގުތީގޮތުން ހިންގަވަނީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދެވެ.

އެންޑީއޭގެ ހިންގުމަށް މިދިޔަ މެއި މަހު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޯޑު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، އިޖުތިމާއީ ރައްކާތެރިކަމާއި ކުޑަކުދިންގެ ހައްގުތަކާ ބެހޭ ދާއިރާތަކުގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ މަންދޫބުން ބޯޑުގައި ހިމެނޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.