ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަޒީޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ ޕޮލިސީ ސެކެރެޓަރީގެ މަގާމަށް އައްޔަން ކުރެއްވީ އަހުމަދު ހަމްދާން ކަމަށެވެ.
މީގެ ކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައި ހުންނެވީ އާމިނަތު ޝައުނާ އެވެ. ނަމަވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމުގައި އާ މިނިސްޓްރީއެއް އުފައްދަވައި، ޝައުނާ ވަނީ އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ހަމްދާނަކީ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގަ އެވެ. އަދި ބްރިޓިޝްް ހައިކޮމިޝަނުގައި ޕޮލިޓިކަލް އޮފިސަރުގެ މަގާމުވެސް އޭނާ ވަނީ މީގެ ކުރިން އަދާކުރައްވާފަ އެވެ.
އޭގެ އިތުރުން ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމާއި ރައީސް އޮފީހުގެ ޕްރޮޓޮކޯލް އެސިސްޓެންޓްގެ މަގާމުވެސް އޭނަ ވަނީ އަދާކުރައްވާފަ އެވެ.
ހަމްދާން އަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީން ޕޮލިސީ ސްޓަޑީޒް އިން ބެޗްލާސް ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން ޑިމޮކްރަސީ އެންޑް އިލެކްޝަންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީއެއްވެސް އޭނާ ވަނީ ހާސިލު ކުރައްވައިފަ އެވެ.
ޚަބަރު
ޚަބަރު