ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓެއް އުޅުމުގެ ފުރުސަތު ބޮޑު ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރައްވައި ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެގައުމުން އާ ވޭރިއަންޓެއް މިދިޔަ އަހަރުގެ ފަހުކޮޅުގައި ފެނިފައިވާ ކަމަށާއި ނަމަވެސް ވޭރިއަންޓް ފެތުރެން ފަށާފައި މިވަނީ ވޭރިއަންޓް ފެނުނުތާ ދުވަސްތަކެއް ފަހުން ކަމަށެވެ. އެކަމުގެ ސަބަބެއް ކަމުގައި ބޮޑެތި އެއްވުންތަކާއި ހަފުލާތައް ބޭއްވުން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ރެކޯޑް އަދަކަަކަށް މީހުންނަށް ބަލި ޖެހެމުންދާ އިރު، ރާއްޖޭގައިވެސް އާ ވޭރިއަންޓެއް އުޅުމުގެ ފުރުސަތު ބޮޑު ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
"ރާއްޖޭގައިވެސް އާ ވޭރިއެންޓެއް އުޅުމުގެ ފުރުސަތު ވަރަށް ބޮޑު،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ރާއްޖެއަކީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމެކެވެ. އަދި ރާއްޖެއަކީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމުން ރާއްޖެއަށް އާ ވޭރިއަންޓެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް މީގެ ކުރިންވެސް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.
ރާއްޖެއިން މީގެ ކުރިންވެސް ވަނީ ކޮވިޑުގެ ވޭރިއަންޓެއް ފެނިފައެވެ. އެއީ އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓެވެ.
ކޮވިޑް 19ގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓްވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެއެވެ. އަދި ބައެއް ފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު