ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރައްޔިތުން މަޖިލީހުން ރޭ ކުރި އިއުލާނެއްގައި ވަނީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
މިބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިމަހުގެ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެއިލް އެޑްރެސް ([email protected] ) އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވަން އެ އިދާރާއިން ވަނީ އެދިފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރެވެ.
މި ބިލްގައި 16 އިސްލާހެއް ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ބައެއް މާއްދާތައް އުވާލުމަށްވެސް ވަނީ ހިމަނައިފައެވެ. އަދި ކައުންސިލްގެ މެންޑޭޓްގައި ހުރި ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.