މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.
ހޯމަ ދުވަހާއި ބުދަ ދުވަހު ހިދުމަތް ދޭ ގޮތަށް ބީއެމްއެލުން ނިންމީ ކޮވިޑް 19ގެ ހާލަތު ގޯސްވުމާ ގުޅިގެން ބޭންކްތަކުން ހިދުމަތްދޭ ގޮތާއި ދުވަސްތަކަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބަދަލު ގެނެސްފައިވާތީއެވެ. އެގޮތުން އެމްއެމްއޭއިން ވަނީ މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ބޭންކުތައް ހުޅުވާނީ ހަފުތާގެ ދެ ދުވަހު ކަމަށް ބުނެފައެވެ.
މަރުކަޒީ ބޭންކުގެ އެ ނިންމުމާ ގުޅިގެން ބީއެމްއެލުން ބުނީ، ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކު ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
ނަމަވެސް އެހެން ދުވަސްތަކުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ޗެކް ޕްރޮސެސްކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި އެގޮތުން ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ޕްރޮސެސް ކުރާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ވަނީ މާލެ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތްދޭނީ އެޕޮއިންމަންޓް އުސޫލުންނެވެ.
ބީއެމްއެލުން ބުނީ އެކުންފުނިން އެންމެ އިސްކަންދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުންކޮށް، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލުން އިލްތިމާސްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު