ޚަބަރު

ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް އެދިއްޖެ

މުއާވިޔަތު އަންވަރު

ކޮވިޑުގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މަސައްކަތުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު ([email protected] ) އަށް އީމެއިލް ކުރުމަށް މިނިސްޓްރީން މިއަދު ވަނީ އެދިފައެވެ. އަދި މިފަދަ ކޮންމެ ހާލަތެއްގައި ހެލްތު ޕްރޮފެޝަނަލުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑާ ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް ސަރުކާރުން އެދިފައި މިވަނީ ދެވަނަ ފަހަރަށެވެ. އެގޮތުން އެންމެ ފުރަތަމަ ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމަށް ސަރުކާރުން އެދުނީ ރާއްޖޭގައި އެ ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމުގެ ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އެނގުނީ ޖެހިގެން އައި މަހުގެ 14 ވަނަ ދުވަހުއެވެ.

އޭގެ ފަހުން އަހަރެއް ފާއިތުވެގެން ގޮސްފައިވާ އިރު، މިހާރު އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ ޗުއްޓީއެއް ވެސް ނެގުމެއް ނެތިއެވެ. އެއާއެކު އަނެއްކާވެސް ސަރުކާރުން މިވަނީ ހިދުމަތުގައި މިވަގުތު ނެތް ސިއްހީ ހިދުމަތްތެރީންގެ އެހީތެރިކަމަށް އެދިފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒު ވެސް ވަނީ މިވަގުތު ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުން ކަމަށް ވިދާޅުވެފައެވެ.