މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް، އެކި ސިފަސިފައިގައި، ނިގުޅައިގަނެވެމުންދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ ކޮބްމެ ހަފުތާއަކު ނެރޭ މިނިސްޓަރުގެ ގަލަންކޮޅުގެ މި ހަފުތާގެ އަދަދުގަ އެވެ.
މި ހަފުތާގެ އަދަދު ހާއްސަ ކޮށްފައިވަނީ މަސައްކަތްތެރިންނާއި ނޫސްވެރިން އަދި ސިފައިންނަށެވެ.
މާރިޔާ ވިދާޅުވީ މިދިޔަ ހޮނިހިރުދުވަހަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރި މަސައްކަތްތެރިންގެ ދުވަސް ކަމަށެވެ. މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ މުޖްތަމައުތައް ބިނާކުރުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ މުރާލި މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ހައްގުތައް ރައްކާތެރިކޮށް، ކަށަވަރުކޮށްދޭން ބާރުއަޅާ ދުވަސްކަންވެސް ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް، އެކި ސިފަސިފައިގައި، ނިގުޅައިގަނެވެމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރިއަކީ އެކަމަށް ހުޅުވިފައިވާ އެއް ދޮރު ކަމަށާއި އިންސާނީ ވަގުފާރިއަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށްވެސް ވިދާޅުވި އެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވިލަރެސްކުރުމުގެ ޒިންމާ ހަވާލުކުރައްވާފައިވާ ވަޒީރުގެ ހައިސިއްޔަތުން، އެމްއެންޑީއެފްގެ ހަރުދަނާ ލީޑާޝިޕުގެ އިރުޝާދުގެ ދަށުން، ދިވެހި ގައުމީ ދިފާއީ ބާރުގެ ސިފައިން، މިގޮންޖެހުމާ ކުރިމަތިލުމުގައި މިހާރެކޭ އެއްފަދައިން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް އެކަމަނާ ވަނީ އަރިސްކުރައްވާފަ އެވެ. އަދި އެމްއެންޑީއެފްގެ މީޑިއާ އެންޑް ޕަބްލިޝިން ސާވިސް (އެމްޕީއެސް)ގެ ޓީމުން، ކޮންމެ ހަފުތާއަކު، އައްޑަނަ މަޖައްލާ ނެރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އެމްޕީއެސްގެ ހުރިހާ ބޭފުޅުންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ގައުމުގެ ދިރުން ކަމަށް ވާއިރު، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި، ސިފައިން އަވަދިނެތި ކުރާ ބުރަ މަސައްކަތާބެހޭ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދޭން އެމްއެންޑީއެފުން ދާދިފަހުން އާ ވެބްސައިޓެއް ލޯންޗުކޮށްފައިވާ ކަމަށެވެ. އަދި މިއީ، ރައްޔިތުންގެ ފުރިހަމަ އިހުތިރާމާއި އިތުބާރު ލިބިފައިވާ، ޒަމާނީ، ގާބިލު އަދި ޕްރޮފެޝަނަލް ބާރަކަށް އެމްއެންޑީއެފް ހެދުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު